އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ޖުމްލަ 284،337 މީހަކަށް ލިބިގެންވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނަކާއި، 145،162 ފިރިހެނަކަށް ވޯޓު ލެވޭ ކަމަށެވެ.

އެއާއެކު ވޯޓު ލެވޭ ޖުމްލަ 284،327 މީހުން ތިބި ކަމަށް ވެއެވެ. އަދި އެމީހަކު ވޯޓުލާންޖެހޭ ދާއިރާ އެނގޭގޮތަށް މިއަދު އިލެކްޝަންސް ކޮމިޝަނުން ލިސްޓެއް އާންމުކޮށް އިއުލާން ކުރާނެ ކަމަށާއި ލިސްޓު އާންމުކުރުމާއެކު ލިސްޓުގައި ނަމާއި އެޑްރެސް އޮތީ ރަނގަޅަށްތޯ ބެލުމަށް އެދޭ ކަަމަށް ހަބީބް ވިދާޅުވިއެވެ.

އަދި މައުލޫމާތު ރަނގަޅަށް ނެތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުން މުހިންމު ކަމަށް ހަބީބް ވިދާޅުވިއެވެ. މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 282,804 މީހަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އީސީއިން ބުނީ އެ ގޮތަށް ނިންމާފައި ވަނީ މަޖިލިސް އިންތިހާބު ރަމަޟާން މަހުގެ ފަހުގެ ތާރީހެއްގައި ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމުން ކަމަށެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން އިސްލާހުކޮށް އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު، ކިޔެވުން ފެށޭ ހަފްތާއަކީ ސުކޫލުތަކުގެ އިމްތިހާނު ދުވަސްތަކަށްވުމާއެކު ސްކޫލުތައް ލިބުން ދަތިވެ ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށްޓަކައި އީސީއަށް އެކަށީގެންވާ ތަންތަން ނުލިބޭނެެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.