ރާއްޖޭގައި، ފޮރެސްޓެއްގައި ހުންނަ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ހަމައެކަނި ސަރަހައްދުގައި އޮންނަ ހދ.ކޭލަކުނު ފަޅުތެރޭގައި ފްލޯޓިން ވިލާތައް އަޅާ، އެރަށް އިކޯ ޓޫރިޒަމަށް ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގެ އިގުތިސޯދު ފުޅާކޮށް، ގައުމަށް ވަންނަ ފައިސާ އިތުރުކުރުމުގެ މަގުސަދުގައި، ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރުމަށް ނިންމީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާ އަދި އެމަނިކުފާނު ޗެއާކުރައްވާ ވިޒިޓާ އިކޮނޮމީ ކައުންސިލުންނެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތާއި ގުޅޭގޮތުން ޕްރިންސިޕަލް އަންޑަ ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އެރަށަކީ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ރަށެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުނުން ހުރީ އެ ރަށުގެ ގުދުރަތީ ވެއްޓަށް ގެއްލުންވިޔަ ނުދިނުމަށްޓަކައި ރަށު ފަޅުތެރޭގައި ފްލޯޓިން ވިލާތައް އަޅައިގެން ޓޫރިޒަމް ތަރައްގީކުރުމަށް ކަމަށެވެ.
ކޭލަކުނަކީ ވަރަށް ބޮޑު ތާރީހެއް އެކުލެވިފައިވާ ރަށެއްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެ ރަށް އިކޯ ޓޫރިޒަމަށް ތަރައްގީކުރާއިރު، ތިމާވެއްޓާ ރައްޓެހި ވިޒިޓާ ސެންޓަރެއް ގާއިމުކުރުމާއެކު ރަށުގެ ތާރީހާއި ރަށުގައި ހުރި ތާރީހީ ތަންތަނުގެ މައުލޫމާތު ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ އެ ރަށުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ރަށް ތަރައްގީކުރެވޭނެ ގޮތެއް ދެނެގަތުމަށް ތަފްސީލު ދިރާސާއެއް ކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.