އަލްޖަޒީރާގެ ބިއުރޯ ޗީފް ވައިލް ދަހުދޫގެ އާއިލާގެ ބައެއް މެންބަރުން ޝަހީދުވިތާ އަދި މާގިނަ ދުވަހެއް ނުވެ އުޅެނިކޮށް އޭނާގެ ދޮށީ ދަރިފުޅު އިޒްރޭލުން މިސައިލް ހަމަލާއެއް ދީ ޝަހީދު ކޮށްލައިފިއެވެ.
ހަމްޒާ ދަހުދޫ އަކީ ވެސް ޖާނަލިސްޓަކެވެ. އޭނާ ޝަހީދު ކޮށްލީ ހާން ޔޫނިސްގެ ހުޅަނގު ބިތުގެ ރައްކާތެރި ސަރަހައްދެއްގައި އެހެން ދެ ނޫސްވެރިއަކާއެކު ކާރުގައި ދަނިކޮށް އިޒްރޭލުން މިސައިލް ހަމަލާއެއް ދީގެންނެވެ.
އިޒްރޭލުން ރައްކާތެރިކަމަށް ކަނޑައަޅާފައި އޮތް ސަރަހައްދަކަށް މި ހަމަލާ ދީ ހަމްޒާ ޝަހީދު ކޮށްލި އިރު ކާރުގައި ދެން ތިބި 2 މީހުންގެ ތެރެއިން 1 ނޫސްވެރިއަކު ޝަހީދުވެ ދެވަނަ މީހާ ވަނީ ޒަހަމްވެފައެވެ.
އަލްޖަޒީރާއިން ބުނާގޮތުގައި ހަމްޒާ އިން ކާރަށް އިޒްރޭލުން ހަމަލާ ދިނީ, މީގެ ކުރިން އިޒްރޭލުން ބޮން އަޅާ މުޅި ދިރިއުޅުން ސުންނާފަތި ކޮށްލާފައި ތިބި ބައެއް މީހުންނާ އިންޓަވިއު ކުރަން އެމީހުން ދަތުރު ކުރަމުން ދަނިކޮށެވެ.
ހަމްޒާ އާއި ދެން ޝަހީދުވި މުސްތަފާ ތުރައްޔާގެ ކަށުކަމާކެމީގެ ކަންކަމުގައި ވައިލް ދަހުދޫ ބައިވެރި ބުނީ, އޭނާ އަކީ, ކޮންމެ ދުވަހަކުހެން އަމިއްލަ އާއިލާގެ ކޮންމެވެސް މެންބަރަކަށް ފަހުގެ އިހުތިރާމް އަދާކުރަން ޖެހިފައި ވާ މީހެއް ކަމަށެވެ. ހިތާމައާއި ހިތްދަތިކަމުގައި ރޮމުން ދަހުދޫ ބުނީ, ކޮންމެ ކަމެއް ކޮންމެ ގޮތަކަށް މެދުވެރިވި ނަމަވެސް ގާޒާގައި އިޒްރޭލުން ހިންގާ އުދުވާނުގެ ވާހަކަ ދުނިޔެއަށް ހާމަކޮށްދިނުމުގައި ސާބިތުވެ ދެމިހުންނާނެ ކަމަށެވެ.
ދަހުދޫގެ އާއިލާގެ ބައެއް މެންބަރުން އިޒްރޭލުން އެންމެ ފުރަތަމަ ޝަހީދު ކޮށްލީ މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެމީހުން ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ތިއްބާ އެމީހުން ތިބި ގެއަށް އިޒްރޭލުން ދިން ހަމަލާގައި ދަހްދޫގެ މަންމަ އަމްނާ އާއި ކޮއްކޮ މުހައްމަދާއި, ކޮއްކޮ ޝާމް އަދި ދަހްދޫ އަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމަށް ވާ އާދަމް ވަނީ ޝަހީދު ކޮށްލާފައެވެ.
ދަހުދޫ ބުނީ, ދޮށީ ދަރިފުޅު ހަމްޒާ އަކީ އޭނާގެ ފުރާނަ ކަމަށާއި އޭނާ ތަހަންމަލް ކުރަމުން ދާ ހިތާމައަކީ އެއްފުރާނައަކުން ހިއްސާކުރާ ހިތާމައަކާއި އިންސާނިއްޔަތުކަމުގެ ހިތާމަ ކަމަށެވެ.