އިޒްރޭލުގެ އަސްކަރިއްޔާއިން މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ގާޒާގެ އުތުރުގައި ތިބި ފަލަސްތީނުގެ 1.1 މިލިއަން މީހުން ގެދޮރު ދޫކޮށް ދިއުމަށް އެންގީ އެއީ ޒާގާ ރައްޔިތުންގެ އަމިއްލަ ސަލާމަތަށްޓަކައި ކަމަށް ބުނެފައެވެ. ނަމަވެސް އެ އިންޒާރަށް އެތައް ހާސް ބަޔަކު ބޯލަނބައި، ދެކުނަށް ދިއުމަށް ހިނގާފައި ދިޔަ މަގުމަތީގައި ބޮމުގެ އެތައް ހަމަލާއެއް ވަނީ ދީފައެވެ.
މި އިންޒާރަކީ ފަލަސްތީނުގެ އާބާދީއާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށްޓަކައި، އިޒްރޭލުގެ އަސްކަރިއްޔާ އާއި އެ ގައުމުގެ ގާނޫނީ ޓީމުން ރާވައިގެން ދިން އިންޒާރެކެވެ.
އިސްރާއީލުގެ ނުރައްކާތެރި "އިންސާނީ މަސައްކަތްތައް"
މިދިޔަ ނޮވެމްބަރު މަހު އިސްރާއީލުގެ އަސްކަރިއްޔާއިން އެއްގަމުގައި ހަމަލާތައް ދޭން ފެށިތާ ކުޑަ އިރުކޮޅެއް ފަހުން، އެ ގައުމުން ވަނީ ގާޒާގެ އުތުރު-ދެކުނުގެ މައި މަގު ކަމަށްވާ ސަލާހު އަލްދީން މަގަކީ ސަލާމަތްތެރި މަގެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އާންމުންގެ ހިމާޔަތުގައި އިންސާނީ ގޮތުން ކުރަމުންދާ މަސައްކަތެއް ކަމަށް ބުނެ އެ މަގު ހިމެނޭ މެޕެއް، އިޒްރޭލު ސިފައިން ވަނީ އާއްމުކޮށްފައެވެ. ނަމަވެސް އޭގެ ފަހުން ގާޒާގެ އެ މަގު ވެގެން ދިޔައީ ފަލަސްތީނު މީހުންނަށް ބޮން އަޅައި، މަރުގެ އަދަބު ދީ، ރަހީނުކޮށް، އަނިޔާކޮށް، ނިކަމެތިކޮށް، ލާއިންސާނީ އަމަލުތައް ހިންގާ ބިރުވެރި މަގަކަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ވާދީ ގާޒާގެ ދެކުނުން އޮންނަ ސަރަހައްދަށް ބޮމުގެ ހަމަލާތައް ދެމުންނެވެ.
ނޮވެމްބަރު މަހުގެ ފަހުކޮޅު، ހަނގުރާމައިގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 15،000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ އިޒްރޭލުން ބުނާ "ސަލާމަތްތެރި ތަންތަނުގައި" ޝަހީދުވެފައިވާ އާއްމުންނެވެ. އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރީ އިޒްރޭލުން އާންމުންނަށް ނުހައްގުން އަމާޒުކޮށް ދިން ހަމަލާތަކަށް ތާއީދު ކުރާ މިންވަރު ސިއްރުކުރުމަށެވެ. އެހެންކަމުން އިޒްރޭލުގެ އަސްކަރިއްޔާއިން ރައްދު ދިނީ އާ "އިންސާނީ ވަސީލަތެއް" ކަމަށްވާ އިވެކުއޭޝަން ގްރިޑް ސިސްޓަމް ތައާރަފުކޮށްގެންނެވެ. ގާޒާގެ ސަރަހައްދު 600 ބްލޮކަށް ބަހާލައި، ހުސްކުރަން ޖެހނީ ކޮން ސަރަހައްދުތަކެއްކަމާއި، ރައްކާތެރި ސަރަހައްދުތައް އަންގައިދޭ ގްރިޑް މެޕެއް ސޯޝަލް މީޑިއާގައި ހިއްސާކުރިއެވެ.
އާންމުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ސަރަހައްދުތައް އިތުރުކުރުމުގެ ބަދަލުގައި، އިޒްރޭލުގެ އަސްކަރިއްޔާއިން ގާޒާގެ މުވާސަލާތީ ހުރިހާ ބާވަތެއްގެ މުއާމަލާތްތައް ކަނޑާލާފައި ވަނިކޮށް، އެ ނިޒާމުގެ ސަބަބުން ހަލަބޮލިކަމާއި، ހަމަލާތަކުގައި ޝަހީދުވާ މިންވަރު އިތުރުވެގެން ދިޔައެވެ.
ހާން ޔުނިސް އާއި ރަފާހް ފަދަ ރައްކާތެރި ކަމަށް ކުރިން ކަނޑައަޅާފައިވާ ސަރަހައްދުތައް ވަނީ އާބަން ބެޓްލްގްރައުންޑްތަކަށް ބަދަލުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އިޒްރޭލުން ވަނީ އެ ސަރަހައްދުތަކުގައި ތިބި ފަލަސްތީނުގެ އާންމުން އަނެއްކާވެސް އާ ސޭފް ޒޯންތަކަށް ދިއުމަށް އަންގާފައެވެ. ނަމަވެސް އިވެކުއޭޝަން ގްރިޑް ސިސްޓަމުން ފަލަސްތީނަށް ފިލަން އެންގި ސަރަހައްދުތަކަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަގުތުން ވަނީ ހަމަލާދީފައެވެ.
މިދިޔަ ޑިސެމްބަރު މަހު ނިއުޔޯކް ޓައިމްސް އިން ކުރި ތަހުގީގަކުން އެނގުނު ގޮތުގައި ހަނގުރާމައިގެ ފުރަތަމަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުން އާންމުންނަށް ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި އެންމެ ބޮޑު އަދި އެންމެ ބާރުގަދަ އެއް ބޮން ބޭނުންކުރި އެވެ. އެމެރިކާއިން އުފައްދާފައިވާ 2،000 ޕައުންޑްގެ ބޮންތައް "ރައްކާތެރި ސަރަހައްދުތަކަށް" ވައްޓާލުމަކީ ދެކުނު ގާޒާގެ އެކި ސަރަހައްދުތަކުގައި ސަލާމަތާއި ރައްކާތެރިކަން ހޯދަން މަސައްކަތްކުރާ އާންމުންނަށް އޮތް ނުރައްކަލެކެވެ.
އެހެން ނަމަވެސް ބައިޑަންގެ ސަރުކާރުން ވަނީ އާންމުންގެ ހިމާޔަތުގައި އިޒްރޭލުން ކުރަމުން އަންނަ "މަސައްކަތްތަކަށް" ތަކުރާރުކޮށް ތައުރީފުކޮށްފައެވެ.
ޖިންސީ ހަމަނުޖެހުންތައް އިންތިޒާމުކުރުން
ބައިނަލްއަގްވާމީ ގާނޫނު ބުނާ ގޮތުން ޖެނީވާ މުއާހަދާތަކާއި އެޑިޝަނަލް ޕްރޮޓޮކޯލްތަކުގައި ވެސް ސަލާމަތީ ސަރަހައްދުތައް ބަލައިގަންނަން ޖެހޭނީ ހަނގުރާމަކުރާ ފަރާތްތަކުގެ މެދުގައި އޮންނަ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި މިކަން ދިމާވަނީ ވަރަށް މަދުން ކަމަށް ވާއިރު، ސޭފް ޒޯންތައް އަދި އެއާ ގުޅިފައިވާ ގާނޫނީ ޓެކްނޮލޮޖީތަކަކީ ހަމަނުޖެހުންތައް ރޭވުމުގައި ބޭނުންކުރާ ވަސީލަތްތަކަކަށް ވެގެންދެއެވެ.
ބޮސްނިއާގައި ވެސް މިކަން ހިނގަމުން ދިޔައީ މަޝްހޫރު ސްރެބްރެނިކާ "ސޭފް ޒޯން" އާ އެކުގައެވެ. ހަމަލާތަކުގެ ސަބަބުން ބޮސްނިއާގެ މުސްލިމުން ހިމާޔަތް ކުރުމުގެ ގޮތުން އދއިން 1993 ވަނަ އަހަރު އެ ސަރަހައްދު ގާއިމުކުރި ނަމަވެސް، ސޭފް ޒޯން ނައްތާލުމުން އެ ސަރަހައްދު ވަނީ ސާބިއާ ސިފައިންނަށް ފަސޭހަ ޝިކާރައަކަށް ބަދަލުވެފައެވެ. އެމީހުން އެންމެ ފުރަތަމަ އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމަށްފަހު، އެސަރަހައްދުގެ އެތައް ހާސް މުސްލިމް އާންމުން ވަށާލައި މަރާލިއެވެ.
ސްރީލަންކާގެ ސަލާމަތީ ސަރަހައްދުތައް ވެސް ނުރައްކާތެރިވެގެން ދިޔައިރު، ތަމަޅަ ސޭފްޓީ ޒޯންތައް އުފައްދައި، އެތައް ހާސް އާންމުން މަރުވި އިރު، އެ ސަރަހައްދުތަކުގައި ތިބި ރެފިއުޖީން "އިންސާނީ އައްޑަނަ" އެއްގެ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ ތަމަޅަ ޓައިގަރުން ކުށްވެރިކުރިއެވެ.
ހަމަ އެފަދައިން ގާޒާގައިވެސް އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ އާންމުންނަށް އޮތް ރައްކާތެރިކަމަށް ހުރަސް އަޅަމުންނެވެ. މިކަން ކުރުމުގައި، ސަލާމަތާއި ރައްކާތެރިކަމުގެ ޑިސްކޯސްއާއި، އެއާ ގުޅުންހުރި ގާނޫނީ ޓެކްނޮލޮޖީތައް ކަމުގައިވާ އިންޒާރުތަކާއި، ސޭފް ޒޯންތަކާއި، ސޭފް ކޮރިޑޯތަކާއި، އިވެކުއޭޝަން ގްރިޑްތައް، ރައްކާތެރި/ރައްކާތެރި ނޫން ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ނަސްލު ނައްތާލުމުގެ މަސައްކަތް ހިންގުމަށް ބޭނުންކުރާ ލީތަލް ވަސީލަތެއްގެ ގޮތުގައެވެ. މިކަމުން އެނގެނީ ފަލަސްތީނުގެ އާންމުން ގެދޮރު ގެއްލުވާލުމަށްފަހު އެމީހުންގެ ނަސްލު ނައްތާލުމުގެ ސާފު ވިސްނުމެއް އިޒްރޭލުން ގެންގުޅޭ ކަމެވެ.
ގާޒާގެ އުތުރާއި މެދުތެރޭން ގެދޮރު ގެއްލިފައިވާ މީހުން، ބޮޑު އާބާދީއެއް އޮންނަ ރަފާހް ފަދަ ސަރަހައްދުތަކުގައި ހިމާޔަތް ހޯދަމުން ދާއިރު، އެންމެ ހަމަލާއަކުން އެއްފަހަރާ އެތައް ހާސް ބަޔަކު މަރުވެދާނެއެވެ.
ސާފު އަސްކަރީ މަގްސަދެއް ހާސިލުކުރުމުގެ އިތުރުން، އާންމުންނަށް އިންޒާރުދީ، ރައްކާތެރި ޖާގަތައް ފަހިކޮށްދިނުމުގެ އިންސާނީ ވާޖިބު ގެއްލުވާލުމަކީވެސް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާކަމުގެ ތުހުމަތުތަކުން ދިފާއުވުމަށް އިޒްރޭލުން ގެންގުޅޭ ގާނޫނީ ސްޓްރެޓެޖީގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރިޕަބްލިކް އޮފް ސައުތު އެފްރިކާއިން ދާދި ފަހުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ ޖެނޯސައިޑް އެޕްލިކޭޝަނުގައި އިޒްރޭލުން ފަލަސްތީނުގެ ނަސްލީ ޖަމާއަތުގެ ބޮޑު ބައެއް ހަލާކުކޮށްލުމުގެ މަގުސަދުގައި އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ ތުހުމަތުތައް ވަނީ ކޮށްފައެވެ.
އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ދޭތާ 75 އަހަރު ވެފައި ވާއިރު، އިޒްރޭލުން މަސައްކަތް ކުރަމުން ދަނީ ފަލަސްތީނުގ ނަސްލު ނައްތާލުމަށާއި، ގާނޫނީ ހައިސިއްޔަތެއް ހޯދުމަށެވެ. އެހެންނަމަވެސް، މިފަހަރު އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ދެމުން އަންނަ ހަމަލާތަކުގައި 2.3 މިލިއަން މީހުން މަރުވުމުގެ ނުރައްކާ ބޮޑުވެފައިވާއިރު، އެކަމަށް އިހުމާލެއް ނުވެވޭނެއެވެ.