ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިފަދައިން ދެކޮޅު ހައްދަވާފައިވަނީ މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަން އިއުލާން ކުރުމާ ގުޅިގެން ދެވަނަ ފަހަރަށެވެ.

މައުމޫން މިއަދު ވިދާޅުވީ އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށާއި އާންމުންގެ ތާއީދު ހޯދުމަށްތިޔަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލެންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިހާރުގެ ސަރުކާރަކީ މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ ރޭ މައުމޫން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭގެ ފަހުން އެމަނިކުފާނު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގައި ވަކި ހަމަތަކަކާ އުސޫލު ތަކެއްގެ މަތިން ކުރަން އޮންނަ ކަމެއް ކަމަށެވެ.

ރާއްޖޭގައި މަރުގެ ކުށް އާންމުވެފައިވާއިރު މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒުކުރުމަށް މީގެ ކުރީގެ ރައީސްއިން ވަނީ މަސައްކަތްތަކެއް ކުރައްވަން އުޅުއްވާފައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުތައް ބެލުމުގެ ނަމުގައި މަރު ކޮމިޝަނެއް އެކުލަވާލެއްވުމަށްފަހު އެ ކޮމިޝަންވެސް އުވާލައްވާފައެވެ.

އަދި ރައީސް އަބްދުﷲ ޔާމީންގެ ވެެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރުވެސް ވަނީ އެ މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް އެކަމަށް އަލި މަގެއް ފެނިފައެއް ނުވެއެވެ. ގިނަ ބަޔަކު މަރަށް މަރު ހިފުމަށް ގޮވަމުންދާއިރު އެ އަދަބު ރާއްޖޭގައި ތަންފީޒުކޮށްފިނަމަ މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ބަޔަކު އެބަ ތިއްބެވެ.