ގުދަނެއްގައި ރައްކާކޮށްފައި ހުރި 100،000 ރުފިޔާގެ މުދާ ވަގަށް ނެގި ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ މީހެކެވެ.

އިއްޔެ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނެރުނު އަމުރުގައިވަނީ، އޭނާ ގުދަނެއްގައި ރައްކާކޮށްފައި ހުރި އަގުބޮޑު މުދާތަކެއް ވަގަށް ނަގާފައިވާކަމަށް ބެލެވޭކަމަށެވެ. އަދި ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ވަގަށް ނަގާފައިވާ މުދަލުގެ އަގު 100,000 ރުފިޔާއަށްވުރެ މަތިކަމަށް ބެލެވޭކަމަށްވެސް އެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ހާދިސާ ރިޕޯޓުގައި އެ ގުދަނުން ވަގަށް ނަގާފައިވާ ބައެއް ތަކެތި އޭނާގެ އަތުން ފެނިފައިވާކަމަށް ބުނެފައިވާއިރު މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރުގެ ފަހު ތިން މަހު ވައްކަމުގެ 2441 މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވާއިރު 1121 މައްސަލަ ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ. އަދި މީގެ ތެރެއިން 760 މައްސަލަ ނިންމާފައިވާއިރު 26 މައްސަލަ ވަނީ ޕީޖީއަށް ހުށަހަޅާފައެވެ.