ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ އަމީނީމަގުގެ މަސައްކަތް ކުރިއަށް ދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލަވައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އިއްޔެ، އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ގެ މަސައްކަތް ފަށާފައިވާއިރު މި މަސައްކަތް ކުރިއަށް ދާ ގޮތް ބެއްލެވުމަށް ރައީސް އެ ސަރަހައްދަށް ވަޑައިގަތީ މިއަދު ފަތިސް ނަމާދަށް ފަހުގައެވެ. ރައީސް އެ ސަރަހައްދަށް ވަޑައިގެންނެވި ވަގުތުވެސް އެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުން ދިޔައެވެ.

މި މަގުގެ މަސައްކަތް ކުރިއަށް ދާ ގޮތާއި ގުޅޭގޮތުން އާރްޑީސީ އިން ބުނީ އަމީނީމަގުގެ މަސައްކަތް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކުރިއަށް ދާކަމަށެވެ. އެގޮތުން އޭބީސީ ފަށަލައިގެ މަސައްކަތް ނިމި އެމްސީ-30 (ބިޓުމެން ސްޕްރޭ) ޖެހުމަށްފަހު ތާރު އެޅުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށް އާރްޑީސީ އިން ވަނީ ބުނެފައެވެ.

ތިން ފަހަރެއްގެ މަތިން ތާރީހު އާ ކުރުމަށް ފަހު ވެސް ނުނިމި އޮތް އަމީނީމަގުގެ ބާކީ ސަރަހައްދު ކަމަށްވާ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދިރާގުގެ މައި އިމާރާތާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތް އިއްޔެ ފަށާފައި މިއީ މާލޭގެ އެންމެ މުހިއްމު އެއް މަގެވެ.

އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާ ހަވާލުކުރީ މިދިޔަ 2022 އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު 84 މިލިއަން ރުފިޔާ އަށް، 210 ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލާ ގޮތަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅާއި، ފެންހިންދާ ނިޒާމެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.