އިޒްރޭލުން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އެންމެ އުނދަގޫ ދަނޑިވަޅުތަކާ ކުރިމަތިލުމަށް ފަލަސްތީނުގެ އަންހެނުންނާއި އަންހެން ކުދިން ބަރޯސާވަނީ ފޭރާމަށެވެ. މިއީ ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ އަންހެނުން ފުރާނަ ސަލާމަތްކުރުމަށް ފިލައިގެން ދާއިރުއާއި، މަރާލެވިފައިވާ ދަރިން ނުވަތަ ލޯބިވާ މީހުންނަށް އަލްވަދާއު ކިޔާއިރު ކައިރީގައި ހިފަހައްޓައިގެން ނުވަތަ ހޮސްޕިޓަލުގެ ކޮރިޑޯތަކުން އެމީހުންގެ ލޯބިވާ މީހުން ފެނުމުގެ އުއްމީދުގައި ދުވާތަން ފެންނަ މަންޒަރުތަކުން މުޅި ދުނިޔެ އާދަވެފައިވާ ފޭރާމެކެވެ.
"އިސްދަލް" ނުވަތަ "ޓޫބް ސަލާހް" ގެ ނަމުން ނަންދެވިފައިވާ މި ފޭރާމުން އައުރަ އެއްކޮށް ނިވާވެގެން ދެއެވެ. މުސްލިމް އަންހެނުން އާންމުގޮތެއްގައި މި ފޭރާން ބޭނުންކުރަނީ ނަމާދު ކުރާ އިރުއެވެ. ނަމަވެސް ގާޒާއާ ދެކޮޅަށް މިހާރު ހިނގަމުންދާ އިޒްރޭލު ހަނގުރާމައިގެ އެންމެ އުނދަގޫ ދަނޑިވަޅުތަކާ ކުރިމަތިލުމަށް ފަލަސްތީނުގެ އަންހެނުންނާއި އަންހެން ކުދިން އެމީހުންގެ އައުރަ ނިވާވެފައިވާކަން ކަށަވަރުކުރުމަށް މި ފޭރާމަކީ މުހިންމު އެއްޗެކެވެ.
އިސްދަލަކީ މޫނު ފިޔަވައި މުޅި ހަށިގަނޑު ނިވާކުރާ ފޭރާމެއް ނުވަތަ ބުރުގާއާއި ތިރި ހިމެނޭހެން އައުރަ ނިވާވާ ފޭރާމެކެވެ. މުސްލިމް ކޮންމެ ގެއެއްގައިވެސް މިފަދަ ފޭރާމެއް އޮންނާނެއެވެ.
ނަމާދު ވަގުތުގެ އިތުރުން، ފިރިހެން މެހެމާނުން ކުރިއާލާ އެންގުމަކާއި ގެއަށް ޒިޔާރަތްކުރާ އިރު އާއި، އެއްޗެއް ގަންނަން ދާއިރު، ނުވަތަ އަވަށްޓެރިއަކާ ވާހަކަ ދައްކަން ނުކުތް ކަމުގައި ވިޔަސް، އަންހެނުން އައުރަ ނިވާކުރުމުގައި މި ފޭރާން ބޭނުންކުރެއެވެ.
ހަނގުރާމައިގެ ދުވަސްވަރުގެ އެކުވެރިއެއް
އިސްދަލަކީ އަންހެނަކު އަވަސް އަރުވާލައިގެން ގެއިން ނުކުންނަން ޖެހިއްޖެނަމަ، ލައިގެން ހުރި ކޮންމެ ހެދުމެއްގެ މަތިންވެސް ލާން ފަސޭހަ ފޭރާމެކެވެ.
ނަމަވެސް ހަނގުރާމައިގެ ދުވަސްވަރުގައި ފަލަސްތީނުގެ އަންހެނުން 24 ގަޑިއިރު އެ ފޭރާން ލައިގެން ތިބެނީ ބޭރުގައި ނުވަތަ ގޭގައި އުޅޭ ވަގުތެއްގައި، ހޭލާ ނުވަތަ ނިދާފައި އޮއްވާ ވިޔަސް ބޮމުގެ ހަމަލާއެއް ދީފިނަމަ ސަލާމަތަށް އެދި ދުވަން ޖެހޭނެ ވަގުތެއް ނޭނގޭތީއެވެ.
"ގެއަށް ބޮން އެޅުމުން މަރުވެއްޖެނަމަ ބޭނުންވަނީ އަޅުގަނޑުމެންގެ ކަރާމާތާއި އައުރަ ނިވާވެފައި ތިބެން. ބޮން ގޮއްވާލައި، ކުނިތަކުގެ ތެރެއިން ސަލާމަތްކުރަން ޖެހިއްޖެ ނަމަ، އައުރަ ނިވާ ނުވެ ހުއްޓާ ސަލާމަތް ކުރާކަށް ބޭނުމެއް ނޫން." ސާރާ އަސްއަދު، 44، ބުންޏެވެ.
އިރުމަތީ ގާޒާ ސިޓީގެ ޒީތޫންގައި ދިރިއުޅެމުން ދިޔަ ސާރާ އޭނާގެ ތިން އަންހެން ކުދިންނާއި ދެ ފިރިހެން ދަރިންނާއެކު އަލް ފުހާރީގެ ސްކޫލުގައި ހިމާޔަތް ހޯދަމުން އަންނަ އިރު، އެ އެންމެންނަކީ ވެސް ފުރާވަރުގެ ކުދިންނެވެ.
ގެދޮރު ގެއްލިފައިވާ މީހުން ތޮއްޖެހިފައިވާ އެ ސްކޫލުގައި އަންހެނުންނާއި އަންހެން ކުދިން 24 ގަޑިއިރު އިސްދަލް އަޅައިގެން އުޅޭ ކަމަށް އޭނާ ބުންޏެވެ.
"އަހަރެންގެ ކޮންމެ އަންހެން ކުއްޖެއް އަތުގައިވެސް މަދުވެގެން އެއް އިސްދަލް އޮންނާނެ. ފާއިތުވި 17 އަހަރުގެ ތެރޭގައި އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް މިކަން އާދަވެއްޖެ. ފުރަތަމަ މިސައިލް ވެއްޓޭ އަޑު އިވޭއިރަށް އެންމެންވެސް އިސްދަލް އަޅާ."
ހާން ޔޫނުސްގެ އިރުމަތީ ފަރާތަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ ރައިދާ ހަސަން ބުނި ގޮތުގައި ގާޒާއަށް ކުރިމަތިވި އެތައް ހަނގުރާމައެއްގައި ވެސް އަބަދުވެސް އޭނާގެ އިސްދަލް ގާތުގައި ބާއްވާފައި އޮންނާނެ ކަމަށާއި، ބައެއް ފަހަރު އިސްދަލް ފެނުމުންވެސް ހަމަނުޖެހުންތަކުގެ މަތިން ހަނދާންވާ ކަމަށް ބުންޏެވެ.
"ހަނގުރާމައަށް ފަހު އެންމެ ފުރަތަމަ އަހަރެން ކުރާނެ ކަމަކީ އާ އިސްދަލް އެއް ގަތުން. މިހާރު ގެންގުޅޭ އިސްދަލް އެއްލާލަން ބޭނުންވަނީ ހަނގުރާމައިގެ ހަނދާންތަކާ ދުރުވާން." ރައިދާ ބުންޏެވެ.
ސަހަރު އަކާރްގެ އަންހެން ދަރިންގެ އުމުރަކީ އެންމެ ހަތަރު އަހަރާއި ފަސް އަހަރެވެ. ނަމަވެސް އިސްދަލްތައް އަޅައިގެން މީހުން އުޅޭތަން ފެންނާތީ އެކުދިންވެސް އިސްދަލް އަޅަން ބޭނުންވެއެވެ.
އުމުރުން 28 އަހަރުގެ ސަހަރު ވަނީ ޣައްޒާ ސިޓީން އާއިލާއާއެކު ޣައްޒާގެ ދެކުނުފަރާތަށް ފިލައިގެން ގޮސްފައެވެ.
"ވާނެ ގޮތެއް ނޭނގޭނެ"
"އަހަރެމެން މިތިބެނީ ބޮން އަޅާނެ ކަމަށް ތައްޔާރު ވެގެންކަމުގެ ޚިޔާލު އެންމެންނަށް ލިބެނީ ކޮންތާކުންކަމެއް ނޭނގެ. އެންމެ ފުރަތަމަ އޭގެ މާނައަކީ ވެސް ކޮބާ؟ ގެއާއި ތާރީހާއި ހަނދާންތައް ހަލާކުކޮށްލަން އަހަރެމެން މިތިބީ ތައްޔާރުވެގެންނޭތޯ؟" ރައިދާ ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް ބޮންތައް ވެއްޓޭނީ ކޮން ތަނަކަށް ކަމެއް ނުވަތަ ކޮން ގެއަކަށް ކަމެއް ނޭނގޭނެ. އަހަރެމެން މި އިސްދަލް އަޅަނީ ދަރިން މާ ދުރަށް ގޮސްފިނަމަ އެކުދިން ހޯދަން ދިއުމަށް. ބޮމުގެ ހަމަލާތަކަށްފަހު އަވަށްޓެރިންގެ ހާލު ރަނގަޅުތޯ ބެލުމަށް."
"އަހަރެންގެ އަންހެން ދަރިން ނުވަތަ އާއިލާގެ އެއްވެސް އަންހެނަކު އެމީހުންގެ އިސްދަލް އާ ނުލައި ފެނިއްޖެނަމަ އަހަރެން ބުނަން އެ ފޭރާން އަޅާށޭ. ކަމެއް ވާނެ ގޮތެއް، ވާނެ އިރެއް ނޭނގޭނެ."
ރައިދާގެ 16 އަހަރުގެ އަންހެން ދަރިފުޅު ސަލްމާ ކައިރީގައި އިށީނދެ އިނީ އިސްދަލު ހެދުން އަޅައިގެން އިނެވެ. ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އޭނާގެ މަންމަ އާއެކު ޝުޖާޔާ މާރުކޭޓަށް ނުކުމެ އުޅެނިކޮށް އިސްދަލެއް ފެނިގެން ރީތިވެގެން އުޅުމުން އެ ގަތް ހަނދާން ސަލްމާ އެބަހުއްޓެވެ.
"އަޅުގަނޑު ވަރަށް ލޯބިކުރަން މި އިސްދަލް އަށް. އިސްދަލް ލަނީ ވަރަށް ލާހިތުން. މި އިސްދަލް ފެނުމުން އެ ދުވަހު މާރުކޭޓުގައި ހިނގާބިނގާވެ މަޖާކޮށް އުޅުނު ދުވަސް ހަނދާން ކޮށްދޭ." އޭނާ ބުންޏެވެ.
ގިނަ އަންހެނުން އިސްދަލް ދެކެނީ ހަނގުރާމައާއި ގުޅިގެން ބިރުވެރިކަން އުފެދޭކަމުގެ ރަމްޒެއްގެ އިތުރުން ނަމާދާއި މެދު ވިސްނުމުގެ ހިމޭން ވަގުތުތަކާ ގުޅިފައިވާ ފޭރާމެއްގެ ގޮތުގައެވެ.