ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އާ ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެ މަޝްރޫއަކީ 500 ދުވަސް ތެރޭގައި ނިންމުމަށް 73.16 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެގޮތުން އެ މަޝްރޫއުގެ ދަށުން 28،393 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 30،480 ކިއުބިކްމީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 12،968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. އަދި 12،038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ބޭސިން ފުންކުރުމާއި 14،220 ކިއުބިކް މީޓަރުގެ ދޯނިއެހެލާ ސަރަހައްދުގެ ނެރު ފުންކުރުންވެސް ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން 368 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 246 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 249 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުންވެސް ހިމެނޭ ކަމަށެވެެ.

އޭގެއިތުރުން އެ މަޝްރޫއުގެ ދަށުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއްހެދުމާއި 1990 އަކަ މީޓަރުގެ ހާބާ ޕޭވްމަންޓް ހެދުމާއި ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުންވެސް ހިމެނޭ ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.