ކުރީގެ ސަރުކާރުން ކުރިއަށްގެން ދިޔަ 'ބިންވެރިޔާ ސްކީމް'ގެ ދަށުން މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތީގެ ރަޖިސްޓަރީ އާއި ބިން ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ މިނިސްޓްރީން ފޯނު އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ހާޒިރުވާނެ ތާރީހާއި ގަޑި އަދި ތަން އަންގާނެކަމަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މިހާތަނަށް ހަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ އެ މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާހްކުރެވޭނެކަމަށެވެ.

މާލެ އިން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓަރީ އާއި ބިން ހަވާލުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މަޑުޖައްސާލާފައިވާއިރު، ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށްފައެވެ.

މިކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަންނަ ހަފުތާ ( މި ހަފްތާ) ގެ ތެރޭގައި ގޯއްޗާއި ފްލެޓްވެރިންނަށް ރަޖިސްޓްރީ ހަދައިދީ ނިންމުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެތަންތަން ހިއްކުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށް ދާކަމަށެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.