ވިލިމާލެއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް ޕްލޭނެއް ހެދުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
އެ މަސައްކަތަކީ އެންވަރަމަންޓް މިނިސްޓްރީއާއެކު ސްޓެލްކޯއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އެގޮތުން ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދެނަގަނެ، ޕަވާ ސިސްޓަމް އަޕްގްރޭޑްކޮށް ހިދުމަތް އިތުރަށް ފުރިހަމަ ކުރުމާއެކު ވިލިމާލެއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ދުރުރާސްތާ ޕްލޭނެއް އެކުލަވާލުމަށްޓަކައި އެ ކުންފުނީގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓާއި ރީޖަނަލް ޕަވާހައުސް ޑިޕާޓްމަންޓް ގުޅިގެން ސާވޭއެއް ހެދުމުގެ މަސައްކަތް މިއަދު ވަނީ ކޮށްފައެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ސްޓެލޯކާއެކު މިނިސްޓްރީވެފައިވާ އެއްބަސްވުމުގެ މަގުސަދަކީ މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް ކުރަންހުރި މަސައްކަތްތަކަކީ ކޮބައިކަމާއި ކުރިއަށްއޮތް 20 އަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރާއި މި ނިޒާމުގެ ކެޕޭ ސިޓީ އިތުރުކުރުމަށް ކުރަންހުރި މަސައްކަތްތައް ކުރުމެވެ.
މަރާމާތުކުރުމަށާއި ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަތުމާއި ނިޒާމު މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް މަޝްރޫއުއެއް އެކުލަވާލައި އެ މަޝްރޫއު ތަންފީޒުކުރާނެ ގޮތުގެ އެކްޝަންޕްލޭނެއް ތައްޔާރު ކުރުން ވެސް އެ އެއްބަސްވުމުގެ ދަށުން ހިމެނެއެވެ.
އެ އެއްބަސްވުމުގެ ދަށުން ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މަޢުލޫމާތު ކަމާގުޅޭވުޒާރާ މެދުވެރިކޮށް ފޯރުކޮށްދިނުމާއި ހަކަތައާއި ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދިނުމާއި ސަރުކާރުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގައި އެހީތެރިވެދިނުމާއި ފަހުމުނާމާގެ ދަށުން ތައްޔާރުކުރެވޭ މަޝްރޫއުއާއި އެކްޝަންޕްލޭން އިކްނޮމިކް ކައުންސިލަށް އެ ކައުންސިލުގެ އެންޑޯސްމަންޓް ހޯދައިދިނުން ހިމެނޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ.