ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އެއް ޕޯޓަލްއަކުން ލިބޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އާ ސަރުކާރަށް މިވީ މަހެއްހާ ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ތަސައްވުރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ހުރިކަން ދެނެގަނެވިފައިވާ ކަމަށެވެ.

އެގޮތުން ވެހިކަލްތައް ރަޖިސްޓްރީ ކުރިން މީ އެންމެ ހައްސާސް މައްސަލަކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށް ގާނޫނުގެ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ރަނގަޅު އުސޫލުތަކެއް ހަމަޖައްސަން ޖެހިފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ ގިނަ ހިދުމަތްތައް ތަފާތު އެކި ޕޯޓަލްތަކުން ދޭން ޖެހުމަކީ އުނދަގޫތަކެއް ހުރިކަމެއްކަން އަމީން ފާހަގަ ކުރެއްވިއެވެ.

އަމީން ވިދާޅުވީ އެ ކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީގެ ހުރިހާ ހިދުމަތް އެއް ޕޯޓަލްގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖައްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 3 މަސް ނުވަތަ 4 މަސް ތެރޭގައި އެއް ޕޯޓަލްއަކުން ހުރިހާ ހިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

އޭގެއިތުރުން މިނިސްޓްރީގެ އިންތިޒާމުތައް ރަނގަޅު ކުރުމުގެ ގޮތުން އައިޓީ އަދި ޕީއާރް ސެކްޝަންއެއް އުފައްދަން ޖެހޭ ކަމަށާއި މިހާރު އެ ސެކްޝަން އުފެއްދިފައިވާކަން އަމީން ފާހަގަ ކުރެއްވިއެވެ. މިނިސްޓްރީއިން އޮންލައިންކޮށް ދެމުންދާ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބުނު ނަމަވެސް އެކަން ކުރެވެމުންދަނީ އެންމެ ރައްކާތެރި ގޮތުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީއިން ބޭނުން ކުރަމުންދަނީ ވަރަށް ޒަމާނާ ނުފެތޭ މެޓްރިކްސް ސޮފްޓްވެއާއެއް ކަމަށާއި އެ ނިޒާމުގެ ރައްކާތެރިކަން އިތުރު ކުރުމަށްޓަކައި މިނިސްޓްރީގެ އޮޑިޓެއް ހަދަން ފަށާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ސަބަބެއްގެ ގޮތުން އަމީން ފާހަގަ ކުރެއްވީ އެއިން ބައިވަރު މައްސަލަތައް ފެނިގެން ދާއިރު އެއްގަމު ވެހިކަލްތައް އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ރަޖިސްޓްރީވެފައި ވުމާއި ޑޮމެއިންގެ މައްސަލަތައް ވެސް ހައްލުނުވެ ހުރުމެވެ.

ގިނަ އަދަދެއްގެ ވެހިކަލްތައް ރަޖިސްޓްރީވަމުންދާނަމަ ކޮމްޕްރިހެންސިވް އޮޑިޓްއެއް ހަދަން ޖެހޭ ކަމަށާއި ތަފްސީލީ އޮޑިޓެއް ހެދުމަށްފަހު، ގެންނަންޖެހޭ ބަދަލުތައް ގެނައުމުން ހިދުމަތަށް ވެސް ވަރަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ގްރޭޓާ މާލެ އޭރިއާގް ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޓެކްނިކަލް ޕްލޭންއެއް ހެދުމުގެ މަސައްކަތް ކުރެވެމުންދާކަން އަމީން ފާހަގަ ކުރެއްވިއެވެ.

އަމީން ވިދާޅުވީ މިހާރު މާލޭގައި ރަޖިސްޓްރީވަމުންދާ (2 ފުރޮޅު އަދި 4 ފުރޮޅު) ވެހިކަލްތަކުގެ އަދަދަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. ވޭތުވެދިޔަ 5 އަހަރު ތެރޭގައި މުޅި ރާއްޖޭގައި 69،780 ދުއްވާ އުޅަނދު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި އޭގެތެރެއިން މާލެ 42،000އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކުރެވިފައި ވަނީ މާލެ ސަރަހައްދަށް ކަމަށް އަމީން ވިދާޅުވިއެވެ.