މާލޭ ގެސްޓް ހައުސްއަކަށް މީހަކު ގެންގޮސް، ފޭރުނު މައްސަލައެއްގައި ހައްޔަރުކުރި އަންހެނަކާ ދެ ފިރިހެނުންގެ ބަންދުގެ މައްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ޅ. ނައިފަރުގެ އަންހެނަކާއި އުމުރުން 21 އަހަރުގެ ގދ. ތިނަދޫ ފިރިހެނެއްގެ އިތުރުން އުމުރުން 46 އަހަރުގެ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ. ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި ފޭރުން އަދި މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރި މި ތިން މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރު ވަނީ 15 ދުވަސް ޖަހާފައެވެ.
މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި، މި ތިން މީހުންގެ ބަންދަށް ކޯޓުންޖެހި 15 ދުވަސް އިއްޔެ ހަމަވެފައިވާއިރު އަނެއްކާވެސް ކޯޓުން ވަނީ އެމީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައެވެ. މި މީހުން ބަންދުކުރުމަށް ނެރުނު އަމުރުގައި ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ 3 މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ހާދިސާ ހިނގި ގެސްޓްހައުސް ތެރޭގައި ހުއްޓައި ޖިނާއި އިޖުރާއަތުގެ ގާނޫނުގެ ދަށުންކަމަށެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތުން ގެސްޓްހައުސްއަށް ދިއުމަށް އެދިފައި ވަނީ، ހައްޔަރު ކުރި އަންހެން މީހާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 21 އަހަރުގެ މީހާ 23 ފަހަރު ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން 12 ފަހަރު ބަންދަށް ބަދަލުކޮށްފައިވާ ކަމަށްވެސް އިންވެސްޓިގޭޝަން އޮފިސަރުން ވަނީ ބުނެފައެވެ.
މީގެއިތުރުން އިންވެސްޓިގޭޝަން އޮފިސަރުން ބުނީ ހައްޔަރު ކުރި އުމުރުން 46 އަހަރުގެ މީހާއަކީ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށާއި އޭނާ ހެކި ނައްތާލަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށްފައެވެ. އަދި ހައްޔަރު ކުރިއިރު އޭނާގެ ކަރުގައި އަނިޔާ ލިބުނު ފަރާތުގެ ފަށެއް އޮތްކަން ވެސް އިންވެސްޓިގޭޝަން އޮފިސަރުން ވަނީ ފާހަގަކޮށްފައެވެ.