ޖަޕާނުގެ މެދުތެރޭގެ އިޝިކާވާއަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 30 މީހުން މަރުވެފައި ވާކަމަށާ އަދި މި ބިންހެލުމުގައި ގިނަ ބަޔަކު ޒަހަމްވެފައި ވާކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.

އިއްޔެ ޖަޕާނަށް ރިކްޓާ މިންގަނޑުން 7.6 ގައި މި ބިންހެލުމަށްފަހު އެ ގައުމުގެ އައްސޭރިފަށުގައި އޮންނަ ސަރަހައްދުތަކަށް ފަސް މީޓަރުގެ ސުނާމީ ވަނީ އަރާފައެވެ. މި ބާރުގަދަ ބިންހެލުމަށްފަހު ދޮޅު ގަޑިއިރުގެ ތެރޭގައި ރިކްޓާ މިންގަނޑުން 4 ގެ ބާރުމިނުގައި 21 ލޮޅުން އައިސްފައިވާއިރު މި ބިންހެލުމާ ގުޅިގެން ބައެއް ސަރަހައްދުތަކުގެ އެއާޕޯޓުތައްވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ޖަޕާނުގެ ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނީ ރަންވޭ ހަލާކުވުމުގެ ސަބަބުން އެއާޕޯޓްތައް ބަންދުކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކުގެ މަގުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބައެއް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް، ދަތުރުނުކުރެވި ކާރުތަކުގައި އުޅެމުން ދާކަމަށެވެ.

ޖަޕާނަަށް އައި ބިންހެލުމުގައި އިމާރާތްތައް ވެއްޓި ގިނަ ބަޔަކު އިމާރާތުގެ ދަށުގައި ތާށިވެފައިވާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ އިމާރާތްތަކުގެ ދަށުން މީހުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އަދި 45،700 ގެއިން ކަރަންޓް ކެނޑިފައިވާއިރު އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން އަންނަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ޖަޕާނުގެ އިދާރާތަކުން ބިންހެލުމުން ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.