އާ އަހަރު ފާހަގަ ކުރުމަށް މިއަދު ހަވީރު ބޭއްވުމަށް ނިންމި ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ ކުޑަކުދިންގެ ހަވީރު ކެންސަލް ކޮށްފިއެވެ.

އާ އަހަރު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކާއެކު "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024" ބާއްވާނެ ކަމަށް ޔޫތް މިނިސްޓްރީން އިއުލާން ކުރީ ނިމިދޔަ ބުރާސްފަތި ދުވަހުއެވެ.

މިދިޔަ އަހަރުތަކާ ހިލާފަށް ފެސްޓިވަލްއެއްގެ ގޮތުގައި އާ އަހަރު ފާހަގަ ކުރަން ނިންމާ، މިއަދު ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުޑަ ކުދިންނަށް ހާއްސަކޮށް އާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެ މިއަދު ބޭއްވުމަށް ނިންމި އާއިލީ ހަވީރު ކެންސަލް ކޮށްފައިވާ ކަމަށް ޔޫތް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

މީގެ އިތުރުން އާ އަހަރު ފާހަގަ ކުރުމަށް މިރޭ ބާއްވަން ނިންމި މިޔުޒިކް ޝޯގެ އިތުރުން ހަވާއެރުވުމުގެ ހަރަކާތްތައްވެސް ވަނީ ފަސްކޮށްފައެވެ. އަދި މޫސުން ރަނގަޅުވުމުން އެ ފެސްޓިވަލް ބާއްވާނެ ތާރީހެއް ކަނޑައެޅާ އެކަން އަންގާނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 1:30އާ ހަމައަށް މުޅި ރާއްޖެ އަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އަދި ބޯކޮށް ވާރޭވެހި ވިލާގަނޑުގައި މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވަނީ ރީނދޫ އެލާޓްވެސް ނެރެފައެވެ. ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ އިރުވައި މޫސުމުގެ ވިއްސާރަ ކަމަށް މެޓުން ބުނެއެވެ.

މިހާރު ކުރާ ވިއްސާރާގައި ދެކުނުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ އެކި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. އޭގެ ތެރޭގައި އައްޑު އަދި ފުވައްމުލައް ފާހަގަކޮށްލެވެއެވެ.