ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއަޕޯޓުގެ އަޑުމަޑުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނެއްގެ ތެރެއިން އެ އެއާޕޯޓުގައި ''ސައިލެންޓް އެއާޕޯޓް'' ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަންގެ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުން އެ ކުންފުނިން ބުނީ ''ސައިލެންޓް އެއާޕޯޓް'' ކުރިއަށް ގެންދާނީ ޖެނުއަރީ 1، 2024 އިން ފެށިގެން މާރޗް 31، 2024 ގެ ނިޔަލަށް ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ބައެއް އެނައުންސްމަންޓްތައް މުޅިން ހުއްޓާލައި ދަތުރުވެރިންނަށް ހަމަހިމޭން އަރާމު މާހައުލެއް ގާއިމު ކުރެވޭނެއެވެ. މި ގޮތުން ބޯޑިން އަނައުންސްމަންޓްތައް ފަދަ ބައެއް އެނައުންސްމަންތައް ހުއްޓާލާނެކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައިލެންޑް އޭވިއޭޝަނުން ބުނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޕަބްލިކް އެޑްރެސް (ޕީއޭ) ސިސްޓަމްތަކުގެ ތެރެއިން ކުއްލި ހާލަތާ ގުޅުން ހުރި ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ބްރޯޑްކާސްޓް ކުރަމުން ގެންދާނެކަމަށެވެ. އަދި ފަސިންޖަރުންނަށް މުހިންމު އަދި ބޯޑިންއާ ގުޅުން ހުރި ހުރިހައި މައުލޫމާތެއް، އެއާޕޯޓުގެ އެތެރެ އާއި ބޭރުގައިވާ ހާއްސަ ތަންތަނުގައި ބަހައްޓައިފައިވާ ސްކްރީންތަކުގެ އެހީގައި ލިބޭނެކަމަށެވެ.

އިތުރަށް އައިލެންޑް އޭވިއޭޝަނުން ބުނީ ފަސިންޖަރުންނަށް ބޭނުންވާ މުހިންމު އަދާ ހަމަތައް ، ފަސިންޖަރުން ގެ މޯބައިލް ފޯނަށް ފޮނުވޭނެކަމަށެވެ.