އިޒްރޭލުން ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަމުންދާއިރު އިންސާނީ ހައްގުތަކުގެ ހާލަތު ހަލުވިކަމާއެކު ގޯސްވެދާނެ ކަމުގެ އިންޒާރުދީ، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި މީހުން މެރުމާއި ވަޒަންވެރިންގެ ހަމަނުޖެހުންތައް ހުއްޓާލުމަށް އދ. އިން ގޮވާލައިފިއެވެ.

އދ.ގެ ހިއުމަން ރައިޓްސް އޮފީހުން ބުރާސްފަތި ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ވަނީ އާބާދީ ބޮޑު ރެފިއުޖީ ކޭމްޕްތަކަށް ވައިގެ ހަމަލާތަކާއި އަސްކަރީ ހަމަލާތައް ދޭ ވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އޭގެ ސަބަބުން އެ ސަރަހައްދުގައި މީހުން މަރުވެ، ޒަހަމްވެ، އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޮލްކަ ތުރުކް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ގާނޫނު ތަންފީޒުކުރުމުގައި އަސްކަރީ އުކުޅުތަކުގެ ވަސީލަތްތަކާއި ހަތިޔާރު ބޭނުންކުރުމާއި، ނާޖާއިޒު ބާރުގެ ބޭނުންކުރުމާއި، ފަލަސްތީނަށް އަސަރުކުރާ އާބިޓްރަރީ އަދި ތަފާތު ކުރުވަނިވި މޫވްމަންޓް ރެސްޓްރިކްޝަންތައް ތަންފީޒުކުރުމަކީ ވަރަށް ހިތްދަތި ކަމެއް ކަމަށެވެ.

ހުޅަނގު އައްސޭރިއާއި ހިފާފައިވާ އިރުމަތީ ގުދުސް ސަރަހައްދުގައި ހަމަނުޖެހުންތައް ހޫނުވެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ގާޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުންނެވެ. އިޒްރޭލުގެ ދެކުނުގައި ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 1،200 މީހުން މަރުވެފައި ވާއިރު، އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި 21،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

އޭގެ ފަހުން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 300 މީހުން މަރުވި ކަން އދ. އިން ކަށަވަރުކޮށްފައިވާއިރު އޭގެ ތެރޭގައި 79 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ރިޕޯޓުގައިވެއެވެ. އޭގެ ތެރެއިން 291 މީހުން އިޒްރޭލު ސިފައިން ޝަހީދުކޮށްލާފައިވާއިރު، އަށް މީހަކު ޝަހީދުވެފައިވަނީ ވަޒަންވެރިންގެ ފަރާތުން އަދި އެކަކު ޝަހީދުވެފައިވަނީ އިޒްރޭލު ސިފައިން ނުވަތަ ވަޒަންވެރިންގެ ފަރާތުންނެވެ.

ގާޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން މިހާތަނަށް ފަލަސްތީނުގެ ގާތްގަނޑަކަށް 4،800 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އދ. އިން ވަނީ ވަޒަންވެރިންގެ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބުނެފައެވެ.

"ފަލަސްތީނުގެ އާބާދީއާ ދެކޮޅަށް ވަޒަންވެރިން ހިންގާ ހަމަނުޖެހުންތައް ހުއްޓުވުމަށް އަވަސް، ސާފު އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި، ވަޒަންވެރިންނާއި އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހިންގާ ހަމަނުޖެހުންތައް ތަހުގީގުކޮށް، ފަލަސްތީނުގެ މުޖުތަމައުތައް ހަރުދަނާ ގޮތެއްގައި ހިމާޔަތް ކޮށްދިނުމަށް ގޮވާލަން." ތުރުކް ވިދާޅުވިއެވެ.

އަދި ވަޒަންވެރިންގެ ގިނަ އަމަލުތަކަކީ ފަލަސްތީނުގެ އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ކަމަށާއި އެކަން ވަގުތުން ހުއްޓާލަންޖެހޭ ކަމަށްވެސް ތުރުކްގެ ބަޔާނުގައި ވެއެވެ.

ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ވެރިޔާ އަޖިތު ސުންގްހޭ ވިދާޅުވީ ޒިންމާދާރުކަން ކުޑަވުމާއި އިޒްރޭލުގެ އޮފިޝަލުންގެ ހިތްވަރު ލިބުމުގެ ސަބަބުން ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގާ ވަޒަންވެރިންގެ ހަމަނުޖެހުންތައް އިތުރުވެފައިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް މުހިންމު ކަމެއް. އަދުލުއިންސާފު ގެއްލޭ ތަންތަނުގައި އަދިވެސް ކަންކަން ހިނގަމުން ދާނެ." ސުންގޭ ވިދާޅުވިއެވެ.

"އިޒްރޭލުގެ އޮފިޝަލުންގެ މި ވާހަކަތަކުން ވަޒަންވެރިންނަށް ހިތްވަރު ލިބި، އެމީހުންނަށް ރައްކާތެރިކަމުގެ އިހުސާސް ކުރެވޭ. އޭގެ ސަބަބުން އެމީހުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް ވަކި ބާވަތެއްގެ ހުއްދައެއް ލިބޭ." އޭނާ ވިދާޅުވިއެވެ.

އދ.ގެ މި ރިޕޯޓް ނެރެފައި މިވަނީ ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން އެންމެ ބޮޑު ހަމަލާ ދޭން ފަށާފައި ވަނިކޮށް، ފަލަސްތީނު އޮތޯރިޓީގެ އިދާރީ މައި މަރުކަޒު ކަމަށްވާ ރާމަالله ހިމެނޭ ގޮތަށް 10 ސިޓީއަކަށް ރޭގަނޑުގެ ވަގުތެއްގައި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަންތަކުގައި ހަމަލާތައް އަމާޒުކޮށްފައިވަނީ ފަލަސްތީނުގެ މަނީ އެކްސްޗޭންޖް އައުޓްލެޓްތަކަށެވެ.

ފަލަސްތީނުގެ ނޭޝަނަލް އިނީޝިއޭޓިވް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ މުސްތަފާ ބަރްގޫތީ ދެކެވަޑައިގަންނަވާ ގޮތުގައި ހުޅަނގު އައްސޭރީގައި އިތުރުވަމުންދާ ހަމަލާތަކަކީ އިޒްރޭލުން އެ ސަރަހައްދު މުޅިން ހިފުމަށް ކުރާ މަސައްކަތެކެވެ.

"އެމީހުން ދަނީ ފަލަސްތީނު އޮތޯރިޓީ ނިކަމެތިކޮށް، އޮތޯރިޓީގެ ހުރިހާ ބާރުތަކެއް ގެއްލުވާލަމުން." ބަރްގޫތީ ވިދާޅުވިއެވެ.

"ފަލަސްތީނު އޮތޯރިޓީގެ ސެކިއުރިޓީ ކޮންޓްރޯލެއް ނެތް. އިޒްރޭލުގެ އަސްކަރިއްޔާއިން އަންނަނީ ފަލަސްތީނު އޮތޯރިޓީގެ ދަށުގައި އޮންނަން ޖެހޭ ހުރިހާ ސިޓީއަކަށް އަރައިގަންނަމުން. ފަލަސްތީނު އޮތޯރިޓީގެ ދަށުގައި އޮންނަން ޖެހޭ އޭރިއާ އޭ އަށްވެސް އިޒްރޭލުން ވަނީ އަރައިގެންފައި" އޭނާ ވިދާޅުވިއެވެ.

"މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވަރަށް ސާފު މެސެޖެއް. އޭނާ ވިދާޅުވަނީ މިތަނުގައި ފަލަސްތީނުގެ މިނިވަން އެއްވެސް ބާރަކަށް އިތުރު ޖާގައެއް ނޯންނާނެ ކަމަށް. ގާޒާ އަލުން ހިފުމަށް މަސައްކަތް ކުރާތީ ހުޅަނގު އައްސޭރި އަލުން ހިފަހައްޓަނީ."

ބަރްގޫޓީ އިތުރަށް ވިދާޅުވީ އިޒްރޭލުން ދޭ ހަމަލާތަކަކީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހިންގާ ހަމަލާތަކެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް ހަގީގީ އަމާޒަކީ އިންތިފާދާ ބަޣާވާތެއް އުފެއްދުން ކަމަށެވެ.

އިޒްރޭލުގެ ލީޑަރުގެ މައްޗަށް މިހާރު ޝަރީއަތް ހިނގަމުންދާ ކޮރަޕްޝަންގެ ދައުވާތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ބޮޑުވަޒީރުކަމުގެ މަގާމުން ވަކިވެއްޖެނަމަ ޖަލަށް ވަޑައިގަންނަވާނެކަން ނަތަންޔާހޫއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"މި މީހާ ބޭނުންވަނީ ގާޒާގެ ހަނގުރާމަ ދިގުދަންމާލައި، އެ ހަނގުރާމަ ފުޅާކޮށް، ވީހާވެސް ގިނަ ދުވަހު އެކަން ކުރިއަށް ގެންދިއުމަށް."

ކުޑަކުދިންނަށް އެންމެ ނުރައްކާތެރި އަހަރު

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ޔުނިސެފުން ބުނީ 2023 ވަނަ އަހަރަކީ ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި ކުޑަކުދިންނަށް އެންމެ ނުރައްކާތެރި އަހަރު ކަމަށާއި މި އަހަރު ފެށުނު ފަހުން ފަލަސްތީނުގެ 124 ކުއްޖަކާއި އިޒްރޭލުގެ ހަ ކުއްޖަކު އެތަނުގައި މަރާލާފައިވާ ކަމަށެވެ.

ޔުނިސެފުން މެދުއިރުމައްޗާއި އުތުރު އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު އެޑެލް ހޮދްރް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފާއިތުވި 12 ހަފުތާގެ ތެރޭގައި 83 ކުއްޖަކު މަރުވެފައިވާ ކަމަށާއި އެއީ 2022 ވަނަ އަހަރުގެ މުޅި އަހަރުގެ ތެރޭގައި މަރުވި ކުޑަކުދިންގެ އަދަދަށްވުރެ ދެގުނަ އިތުރު އަދަދެއް ކަމަށެވެ.

އަދި 576 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، އަނެއް ބަޔަކު ހައްޔަރުކޮށް ހިފަހައްޓާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.