މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މާވެޔޮ މިސްކިތުގެ ކަންމައްޗަށް ވާ ގޮތަށް ބަހައްޓާފައި ހުރި ޓްރާންސްފޯމަރު ނަގައިފިއެވެ.

މީގެ އެއް މަސް ކުރިން މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޓްރާންސްފޯމަރު ހުރި ސަރަހައްދަށް ވަޑައިގެން، އެ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް ފެއްޓެވިކަން ފަހުމީ އިއުލާނުކުރައްވައި، ވަނީ މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގައި، މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންފައެވެ.

ސްޓެލްކޯ އިން ބުނީ، ފަހުމީގެ ވައުދާ އެއްގޮތަށް، މާވެޔޮ މިސްކިތުގެ ކަންމައްޗަށް ވާ ގޮތަށް ބަހައްޓާފައި ހުރި ޓްރާންސްފޯމަރުތައް ނަގައި އެ މަގު ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އަމާޒަކީ އާ އަހަރު ފެށުމުގެ ކުރިން އެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އެއްވެސް ހުރަހެއް ނެތި މާވެޔޮ މަގުން ދަތުރުފަތުރު ކުރެވޭނެ ކަމަށެވެ.

މާވެޔޮ މިސްކިތާ ޖެހިގެން ހުންނަ ޓްރާންސްފޯމަރު ބެހެއްޓީ މީގެ ހަ އަހަރު ކުރިންނެވެ. އެ ޓްރާންސްފޯމަރު ބަހައްޓާފައި ހުރުމުގެ ސަބަބުން މާވެޔޮ މަގު ބޭނުންކުރުމުގައި ދިމާވެފައިވާ ދަތިތަކަށް މިދިޔަ ހަ އަހަރުގެ ތެރޭގައި ހައްލެއް ނުލިބެއެވެ.

އެ ޓްރާންސްފޯމަރު މިހާރު ވަނީ ކުރިން ހުރި ތަނާ ދުރު ނޫން ސަރަހައްދަކަށް ބަދަލުކޮށްފައެވެ.