ގާޒާގެ އެންމެ ކުޑަ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން އަނެއްކާވެސް ވައިގެ ހަމަލާތަކެއް ދިންތާ ހަތަރު ދުވަސް ވެފައި ވާއިރު، އެތަނުގައި ތިބި ފަލަސްތީނު މީހުން އަދިވެސް ދަނީ އެމީހުންގެ ގާތް ތިމާގެ މީހުންގެ ހަށިތައް ކުނިތަކުގެ ދަށުން ނަގަމުންނެވެ.
ގާޒާގެ މެދުތެރޭގެ މަގާޒީގައި އާދީއްތަ ދުވަހުގެ ރޭ ދިން މި ހަމަލާގައި 90 މީހުން މަރުވެފައި ވާއިރު، އޭގެ ތެރޭގައި ކުޑަކުދިންނާއި ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ވެސް ހިމެނެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށި ފަހުން ގާޒާއަށް ދިން އެންމެ ނުރައްކާތެރި ހަމަލާއާ ގުޅޭ ގޮތުން ގާޒާގެ ރައްޔިތެއް ކަމަށްވާ އަޝްރަފް އަލްހާޖް އަހްމަދު ބުނީ ހަމަލާ ދީފައި ވަނީ ކުއްލިއަކަށް އަދި ކުރިން އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ކަމަށެވެ.
"އެރޭ 11:30 އެހާކަންހާއިރު އަހަރެމެންނަށް ފެނުނީ ސިލްސިލާކޮށް ބޮޑެތި ގޮވުންތަކެއް ގޮއްވާލައިގެން މުޅި ކޭމްޕް ތެޅިގަތް މަންޒަރު." އަލްހާޖު އަހުމަދު ބުންޏެވެ.
ހަމަލާގައި ބިމާ ހަމަވި އިމާރާތްތަކުގެ ތެރޭގައި އޭނާގެ ތިމާގެ ގެ އެއްވެސް ހިމެނެއެވެ. ބޮމުގެ ހަމަލާތަކުގެ އަޑަށް އޭނައަށް ހެޅެވުނުހާ އަވަހަކަށް އޭނާ ދުއްވައިގަތީ އެ ގެއާ ދިމާލަށެވެ.
ހަމަލާ ދިން ސަރަހައްދުން އޭނާއަށް ފެނުނީ ހަތަރު ބުރީގެ އިމާރާތެއް ހަލާކުވެ ބިމާ ހަމަވަމުން ދިޔަ މަންޒަރެވެ. "އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި މީހުން ދިރިއުޅެމުންވެސް ދިޔަ. ގާތްގަނޑަކަށް 40 ވަރަކަށް މީހުން ތިބޭނެ. އޭގެ ތެރޭގައި އެ ގޭގެ ވެރިންގެ އިތުރުން ގެދޮރު ގެއްލުނު އާއިލާތައް ވެސް ހިމެނޭ." އޭނާ ބުންޏެވެ.
ތޮއްޖެހިފައިވާ ކޭމްޕުގެ ތިން ގެއަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ގާޒާގެ އޮފިޝަލުން ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ހަތް އާއިލާއެއް ހިމެނޭ ކަމަށެވެ.
މަރުވި މީހުންގެ ރަސްމީ އަދަދު 90 އަށް އަރާއިރު، ދީރް އަލް ބާލާ ކައިރީގައި ހުންނަ ކޭމްޕުގައި ދިރިއުޅޭ މީހުން ބުނަނީ މުޅި ރެސިޑެންޝަލް ބްލޮކްތައް ނައްތާލެވިފައިވާތީ އެ އަދަދު މާ މައްޗަށް އަރާނެ ކަމަށެވެ.
"ކޮންމެ ގެއެއްގައި ވެސް މަދުވެގެން 50 މީހުން ތިބޭނެ." މަގާޒީގެ އެހެން ރައްޔިތަކު ކިޔައިދިނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ގާޒާގެ އެހެން ސަރަހައްދުތަކުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވި މީހުންނެވެ.
އދގެ ރެފިއުޖީ އެޖެންސީ ފޯ ފަލަސްތީން (ޔޫއެންއާރްޑަބްލިއުއޭ) އިން ބުނި ގޮތުގައި މި ކޭމްޕުގައި އާންމުގޮތެއްގައި 30،000 މީހުން ދިރިއުޅެއެވެ. ނަމަވެސް އިޒްރޭލުން ފަލަސްތީނުގެ އެހެން ސަރަހައްދުތަކަށް ހުއްޓުމެއް ނެތި ބޮމުގެ ހަމަލާތައް ދެމުން ދަނިކޮށް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވުމާއެކު އެތަނުގައި ތިބި މީހުންގެ އަދަދު ވަނީ ލައްކައަކަށް އަރާފައެވެ.
"މީހުންގެ ހަށިގަނޑުގެ ހުރިހާ ބައިތަކެއްވެސް ހުރީ ކުދިކުދިވެ ބައިބައި ވެފައި. އެކި މީހުންގެ ހަށިގަނޑުގެ އެހާ ގިނަ ބައިތައް ނެގިން. މަރުވި މީހުންގެ ޖުމުލަ އަދަދުވެސް އަދި އަންދާޒާ ނުކުރެވޭ." ދެވަނަ ރައްޔިތަކު ބުންޏެވެ.
"އަނދިރި އަދި ވޭންދެނިވި ރެއެއް"
އިޒްރޭލުގެ ހަމަލާތަކާއި ގުޅިގެން ގާޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ދާން މަޖުބޫރު ކުރުމަށް ފަހު، ދެން އެމީހުން ދިޔަ ގެތަކާއި ކޭމްޕުތަކަށްވެސް އިޒްރޭލުގެ ހަމަލާތައް ވަނީ ދީފައެވެ.
އިޒްރޭލު ސިފައިން ރައްކާތެރި ކަމަށް ބުނާ ސަރަހައްދެއް ކަމަށްވާ މަގާޒީއަށްވެސް ވަނީ ވަރުގަދަ ބަޑީގެ ހަމަލާތަކާއި ވައިގެ ހަމަލާތައް ދީފައެވެ.
ފަލަސްތީނުގެ 50 މީހަކު ޝަހީދުކޮށްލިއިރު، މިދިޔަ މަހު ވެސް އެ ސަރަހައްދަށް ވަނީ ހަމަލާދީފައެވެ. މި ކޭމްޕްގެ ކައިރި ސަރަހައްދުތަކަށް ވެސް ފާއިތުވި ހަފުތާގެ ތެރޭގައި އިޒްރޭލުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އަލްޒަހްރާ އަވަށުގައި ހުންނަ ގެއިން ނުކުން ދުވަހުން ފެށިގެން މަގާޒީގައި ހިޔާވަހިކަން ހޯދަމުން ގެންދިޔަ މީހުންގެ ތެރޭގައި އަބޫ ރާމީ އަބޫ އަލްޢައިސް ހިމެނެއެވެ. އޭނާ ބުނީ އާދީއްތަ ދުވަހު ދިން ހަމަލާއަކީ އޭނާ އާއި އޭނާގެ އާއިލާގެ މީހުންނަށް ދިން ފުރަތަމަ ހަމަލާއެއް ނޫން ކަމަށެވެ.
"އަލްޒަހްރާގައި އަހަރެމެންގެ ގެއެއް އޮތުމުން އެ ގެއަށް ހަމަލާތައް އަމާޒުވި. މިތަނަށް އައުމަށްފަހު އަނެއްކާވެސް އަހަރެމެން ތިބި ގެއަށް ބޮން އެޅީ." އެ ހަމަލާގައި އޭނާގެ އަންހެން ދަރިފުޅު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. އަދި ހަމަލާތައް ދިނުމުގެ ކުރިން އެއްވެސް އިންޒާރެއް ދީފައި ނުވާކަމަށް އޭނާވެސް ބުންޏެވެ.
އަލްއައިސް ބުނީ އިޒްރޭލު ސިފައިން މީގެ ކުރިން ހަމަލާތައް ދިން އިރު، ހަމަލާތައް ދިނުމުގެ ކުރިން ލީފްލެޓް އުކައިގެން ނުވަތަ ސްޕީކަރުފޯނެއް ބޭނުންކޮށްގެން އިމާރާތް ހުސްކުރުމަށް އަންގާ ކަމަށެވެ. ނަމަވެސް މި ހަމަލާގެ ތެރޭގައި އެފަދަ އެއްވެސް އިންޒާރެއް ދީފައެއް ނުވެއެވެ.
އަދި އެ ރޮކެޓްތައް ވެއްޓުނީ ގޭގައި ނިދާފައި ތިބި ކުށެއް ނެތް މީހުންގެ ބޮލަށް ކަމަށް އޭނާ ބުންޏެވެ.
އަލްއައިސް ބުނީ އަދިވެސް މީހުން އެމީހުންގެ ރަހުމަތްތެރިންނާއި އަވަށްޓެރިންނާއި ގާތްތިމާގެ މީހުންގެ ހަށިތައް ހުސް އަތުން އެއްކުރަމުން އަންނަ ކަމަށެވެ.
އެރެއަކީ މަގާޒީއަށް ވަރަށް އަނދިރި އަދި ވޭންދެނިވި ރެއެއްކަމަށް އޭނާ ބުންޏެވެ. ކޭމްޕަށް ދާ މަގުތައް ފަދަ އިންފްރާސްޓްރަކްޗާތައް ވެސް ވަނީ ހަލާކުވެފައެވެ.
އަލްއައިސް ބުނީ ކޮންކްރީޓްގެ ބްލޮކްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ހަލުވިކުރުމަށް އެހީތެރިވެދޭނެ ހައިމާކެއްވެސް ނެތް ކަމަށެވެ.
ބުލްޑޯޒަރާއި ވެހިކަލްތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ ތެޔޮ ނުލިބޭތީ، ކުނިތަކުގެ ދަށުގައި ތިބި މީހުން ނެގުމަށް މަސައްކަތް ކުރަމުން ދަނީ ހަމައެކަނި ހުސް އަތުންނެވެ.
ހަނގުރާމަ ފެށުނު އިރު އިޒްރޭލުން މިހާރު ވެސް ބަންދުކޮށްފައި އޮތް ސަރަހައްދުތައް މުޅިން ވަށާލުމާއެކު ތެޔޮ އެތެރެވުން ހުއްޓުވާފައިވާއިރު، ރަފާހު ބޯޑަރު ހުރަސްކުރާ ސަރަހައްދުން އެހީ ވެއްދުމުގެ ފުރުސަތުވެސް ދީފައިވަނީ ވަރަށް މަދު މިންވަރަކަށެވެ.
"ކާއެއްޗެހި ބޭނުމެއް ނޫން. ފެންވެސް ބޭނުމެއް ނޫން. ސަންދޯކެއްވެސް ބޭނުމެއް ނޫން. ބޭނުންވަނީ މި ހަނގުރާމަ ހުއްޓާލުމަށާއި މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް." އަލްއައިސް ބުންޏެވެ.
އަލްހައްޖު އަޙްމަދު ވެސް އެކަމަށް އެއްބަސްވިއެވެ. "ޢަރަބި ދުނިޔެއަށް ލަދުވެތި. އަހަރެމެން ބޭނުންވަނީ ހަމައެކަނި އެހީއެއް ނޫން. އަހަރެމެން ބޭނުން ތި މީހުންވެސް މިތަނަށް އައިސް ތިމީހުންގެ ދައްތަމެންނާ ބޭބެމެންނާ ކޮއްކޮމެން އެކީ ތިބެން." އޭނާ ބުންޏެވެ.
ރެފިއުޖީ ކޭމްޕްތަކަށާއި މަދަނީ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އާންމު ކަމެކެވެ. ގާޒާގެ އުތުރުގައި ހުންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އެތައް ފަހަރެއްގެ މަތިން ހަމަލާތައް އަމާޒުކޮށް، ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ވަނީ މަރާލާފައެވެ.
މީގެ އިތުރުން ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އެމްބިއުލާންސް ވެހިކަލްތަކާއި އަޅުކަން ކުރާ ތަންތަން ހިމެނޭ ގޮތަށް މަދަނީ އިންފްރާސްޓްރަކްޗާއަށް ވެސް ވަނީ ބޮމުގެ ހަމަލާތަކެއް ދީފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 21،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ގާތްގަނޑަކަށް 1.9 މިލިއަން މީހުން - ގާޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ.