އިޒްރޭލު ސިފައިން ގާޒާ ތަޅާ ސުންނާފަތި ކޮށް މުޅި ތަން ހުސްކޮށްލުމަށް ހިންގާ ހަނގުރާމައިގެ އުދުވާނުގައި ގެއަކުން ގެއަކުން ބަލައި ފާސްކުރުމުގެ ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް އެބަގެންދެއެވެ.

ހަބަރުތައް ބުނާގޮތުން، ހުޅަނގު އައްސޭރީގައި ހިންގާ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނާ ދާދި އެއްގޮތަށް އަދި ހަރުކަށި ކަމާއެކު ގެއަކުން ގެއަކަށް ވަންނަމުން ދާ އިރު، ވަންނަ ކޮންމެ ތަނެއް އެފުށް މިފުށަށް ޖަހަމުން ދެއެވެ.

މިހާތަނަށް ރާމައްލޯ، އަލް ބިރާ، ހެބްރޫން، ހަލްހުލް، ނާބުލުސް، ޖެނިން، ތުލްކަރަމް އަދި ޖެރިކޯގެ ގޭގެ އަށް ވަނީ ވަދެފައެވެ.

މި ރެއިޑްގައި ގޭގޭގެ އިތުރުން ފިހާރަތަކާއި، މަނީ އެކްސްޗޭންޖަރުތަކަށް ވެސް ވަދެ ބޮޑެތި ގެއްލުންތައް ދެމުން ގެންދާކަމަށް ހަބަރުތައް ބުނެއެވެ.

މިއީ 2016 ގައި މިފަދަ ތަންތަނަށް ވަދެ ބަލައި ފާސްކުރުން ހިންގި ފަހުން މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ދެވަނަ ފަހަރެވެ. އިޒްރޭލު ސިފައިން ބުނާގޮތުން، ހަމާސްގެ އެކިއެކި ސެލްތަކަށް ފައިސާ ފޮނުވުމާއި ގާޒާގެ ތެރޭގައި ފައިސާގެ މުއާމަލާތްތައް ހިންގަނީ މިފަދަ ތަންތަނަށް ބޭނުން ކޮށްގެންނެވެ.

އިޒްރޭލު ސިފައިން ގާޒާގެ ގޭގެއަށް ވަދެ ބަލައި ފާސްކުރަނީ

އިޒްރޭލު ސިފައިން އަވަށްތަކަށް އަރާ ބަލައި ފާސްކުރުމަށް ހިންގާ މި އޮޕަރޭޝަންގައި އެ އަވަށްތަކުގައި ދިރިއުޅޭ ބައެއް މީހުންނާ ކުރިމަތިލުންތައް ހިނގަމުން ދާ އިރު އިޒްރޭލު ސިފައިން ގެންދަނީ އާންމުންނަށް ބިރު ދެއްކުމަށް ކުދި ބޮން ވެސް ގޮއްވަމުންނެވެ.

މިހާތަނަށް މަރުވި އަދި ޒަހަމްވި މީހުންގެ އަދަދުތައް؛

ގާޒާ

  • ޝަހީދުވި: 21،110 މީހުން
  • ޒަހަމްވި: 55،243 މީހުން
  • ގެއްލިގެން ރިޕޯޓް ކޮށްފައި: 7000 މީހުން

ހުޅަނގު އައްސޭރި

  • މަރުވެފައި: 313 މީހުން
  • ޒަހަމްވެފައި: 3،450 މީހުން

އިޒްރޭލް

  • މަރުވެފައި: 1139 މީހުން (އޮކްޓޯބަރު 7 ވަނަ ދުވަހު)
  • މަރުވި ސިފައިން: 167 މީހުން (އޮކްޓޯބަރު 31 ގައި އެއްގަމު މަގުން ގާޒާއަށް އެރިފަހުން)
  • ޒަހަމްވެފައި: 898 މީހުން (ސިފައިން)

ގާޒާގެ އިތުރުން ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ އުދުވާނުގައި ހަތިޔާރާއެކު ގޭގެ އަށް ވަދެ މީހުން ހިފާ ހައްޔަރު ކުރުމާއި މުދަލާއި ތަކެއްޗަށް ގެއްލުންދީ ސުންނާފަތި ކުރުމުގެ ޖަރީމާއެއް ދަނީ ހިންގަމުންނެވެ.

މުރާސިލުން ބުނާގޮތުގައި މިއީ ހުޅަނގު އައްސޭރިއާއި މުޅި ފަލަސްތީން، އިޒްރޭލުގެ އަތްދަށަށް ގެންދިޔުމަށް ހިންގާ ނުރައްކާތެރި ޖަރީމާއެކެވެ. އެގޮތުން އަވަށްތަކަށް އަރައިގެން އުޅޭ ބައެއް މީހުންގެ އަމަލުތަކާއި ވާހަކަތައް ހުންނަނީ، ވީހާ ބޮޑަކަށް ގެއްލުން ދިނުމަށް ކަމަށާއި އެމީހުންގެ ނިޔަތަކީ ހަމަނުޖެހުން ވީހާ ބޮޑަކަށް ފުޅާ ކުރުން ކަމަށް ބުނެއެވެ.

އިޒްރޭލު ސިފައިން ގާޒާގެ ގޭގެއަށް ވަދެ ބަލައި ފާސްކުރަނީ

މީގެ އިތުރުން 2.3 މިލިއަން މީހުން ހިމާޔަތް ހޯދައިގެން ތިބި ގާޒާގެ ދެކުނު ބިތުގެ ސިޓީތަކަށް އިޒްރޭލުން ބޮން އަޅާ ދަނީ އެތައް ފުރާނައެއް ނެތިކޮށްލަމުންނެވެ. ރެފިއުޖީ ކޭމްޕްތަކަށާއި ސްކޫލުތަކަށާއި އދ އިން އިންސާނީ އެހީ ފޯރުކޮށްދޭ ސަރަހައްދުތަކަށް ވެސް މިހާރު ދަނީ ހަމަލާ ދެމުންނެވެ.

އިޒްރޭލުގެ އުދުވާން ހުއްޓުވުމުގެ ކޮޅުމަތި ފެންނަމުން ނުދާ އިރު، އިއްޔެ މިސްރާއި އުރުދުންގެ އިސްވެރިން ވަނީ މިސްރުގައި ބައްދަލުކުރައްވައި އިޒްރޭލުގެ އުދުވާނާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކުގެ ފުރިހަމަ ތަފްސީލު އަދި ލިބިފައި ނުވި ނަމަވެސް މަޝްވަރާތައް ކުރިއަށް ދިޔަ ވަގުތަކީ، މިސްރާ ކައިރިއަށް އޮންނަ ހާން ޔޫނިސް އާއި މިސްރު ގުޅޭ ސަރަހައްދަށް އިޒްރޭލުގެ އިތުރު ފައުޖުތައް ފޮނުވަމުން ދާ ވަގުތެކެވެ. މިކަމާ ގުޅިގެން މިސްރުން ކަންބޮޑުވުން ފާޅުކޮށްފައި ވާ އިރު ބުނެފައި ވަނީ، ސަރަހައްދީ އިމުގައި އިޒްރޭލުގެ ބާރު ގަދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ހަމަނުޖެހުންތައް ކުރިއަށް ދާތާ 2 މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު ހަމާސްގެ މުޖާހިދުން ވަނީ ފުރަތަމަ ފަހަރަށް އެޑްވާންސް މިސައިލް ބޭނުން ކޮށްފައެވެ. އެގޮތުން ގާޒާގެ ސަފްވާތީގައި މުޖާހިދުން ވަނީ 'ތާމޮބޭރިކް ރޮކެޓް' ބޭނުން ކޮށްގެން އިޒްރޭލުގެ ހެލިކޮޕްޓަރުތަކަށް ހަމަލާ ދީފައެވެ. މި ކުރިމަތިލުންތައް 6 ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ އިރު، ގާޒާގެ އެހެން ސަރަހައްދެއްގައި ހިނގި ކުރިމަތިލުމެއްގައި އިޒްރޭލު ސިފައިންގެ 7 މީހަކު މަރާލައި އިތުރު ބަޔަކު ޒަހަމް ކޮށްލާފައި ވެސް ވެއެވެ.