ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންތަކެއް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް މިރޭ ސޮއިކުރައްވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ މެންބަރުން މިރޭ ޕީއެންސީއަށް ގުޅުމަށް ހަމަޖެހިފައި ވަނީ އެ ޕާޓީއިން ދަރުބާރުގޭގައި ބާއްވާ ޖަލްސާގައެެވެ.

މިރޭ 8:15ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީއަށް ގުޅިވަޑައިގަންނަވާ މެންބަރުން، ޕާޓީ މެންބާޝިޕް ފޯމް އެ ޖަލްސާގައި ރައީސް މުއިއްޒުއާ ހަވާލުކުރައްވާނެވެ.

އެމްޑީޕީއިން ޕީއެންސީއަށް ގުޅިވަޑައިގަންނަވަނީ ކިތައް މެންބަރުން ކަމެއް އަދި އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފު ނުވި ނަމަވެސް 6 މެންބަރެއްގެ ލިސްޓެއް ދަނީ ދައުރުވަމުންނެވެ.

ދައުރުވަމުން ދާ ލިސްޓް؛

  • އަބްދުލްޣަނީ އަބްދުލްހަކީމް - ކުރެންދޫ ދާއިރާ
  • މުހައްމަދު ރާޝިދު - ކޮމަންޑޫ ދާއިރާ
  • އިބްރާހިމް ނަސީރު - މުލަކު ދާއިރާ
  • އަބްދުލްމުހުސިން ހަމީދު - ނިލަންދޫ ދާއިރާ
  • މުހައްމަދު ނިހާދު - ފޭދޫ ދާއިރާ
  • އާދަމް އަލީ - މާފަންނު ދެކުނު ދާއިރާ

މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހުސެއިން ޝަހީމް ވަނީ ސަރުކާރުން ރިޝްވަތު ދީގެން އެ ޕާޓީގެ ބައެއް މެންބަރުން ގެންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީއިން ފަހަތަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް ޕާޓީ، އެމްޑީޕީގެ 56 މެންބަރުން މިވަގުތު މަޖިލީހުގައި ތިއްބިވެއިރު ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަން އަށް ނިސްބަތްވާ ތިއްބެވީ 4 މެންބަރުންނެވެ.

މިހާރު މި ހިނގާ 19 ވަނަ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ. ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް ދާއިރާތައް އިތުރު ކޮށް 93 މެންބަރުން އިންތިހާބު ކުރާނެއެވެ.