ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އިން ލިބިވަޑައިގެންފައިވާ އިހުތިޔާރުގެ ދަށުން، އެމަނިކުފާނު އުފައްދަވާފައިވާ 22 ވުޒާރާއެއްގެ މެންޑޭޓު ފާސްކުރުމަށް މަޖިލީހަށް ފޮނުއްވައިފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ އެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވަން ނިންމަވައިފައެވެ.

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ މަޖިލީހުގައި ދިގުލައިގެން ގޮސްފައި ވަނީ، ވުޒާރާތަކުގެ މެންޑޭޓު ނުހިމެނޭތީ ވަޒީރުންނަށް ރުހުން ދިނުމުގެ ރިޕޯޓު އަނބުރާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވާލުމުން އެ ރިޕޯޓުގެ މަސައްކަތްކުރުމަށް އުފެއްދި ސަބް ކޮމިޓީގެ ކޯރަމް ހަމަނުވާތީ ރިޕޯޓުގެ މަސައްކަތް ނުނިމޭތީއެވެ.

އެހެންކަމުން މިއަދުގެ ޖަލްސާ އަށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލެއް ނުކުރެއެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން ކޮމިޓީގެ ރިޕޯޓު އަދި ނުލިބޭކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ކޮމިޓީގެ ރިޕޯޓު ނިމުމުން ދައުރުން ބޭރުން ޖަލްސާ އެއް ބާއްވަން މެންބަރުން އެދިވަޑައިގެންފިނަމަ، ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމަވާލައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ތިންވަނަ ދައުރު ނިމޭނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގައެވެ. އެ ގަވައިދުގެ 45 ވަނަ މާއްދާގައިވާ ގޮތުން، ސަބަބު ބަޔާންކޮށް ދައުރުން ބޭރުން ޖަލްސާ އެއް ބާއްވައިދިނުމަށް އެދި މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސޮއިކޮށް މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭ ޖަލްސާ އެއް ބާއްވަންވާނެއެވެ.