ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މި ސަރުކާރު ވައްޓާނުލެވޭނެ ކަމަށާ ޑރ.މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ވެސް ހޯދާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ސަރުކާރު ހުރަސް އަޅާ ކަމަށް ބުނެ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން މެންބަރު ސަލީމް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ އެމްޑީޕީ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ގޮތުން ސަލީމް ވިދާޅުވީ އެހެން މީހުންގެ އަނބުރު ކަތިލާ، ކަރާމާތް ދުއްވާލުމަކީ ހިޔާލު ފާޅުކުރުމެއް ނޫންކަމަށާ ހިޔާލުފާޅުކުރުމުގައިވެސް ވިސްނަންޖެހޭ މިންގަނޑެއް އޮންނާނެ ކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުޅާދާއިރާއެއްގައި ދީފައިވާނެކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ މިހާރުވެސް ބައެއް ނޫސްތަކުން ސަރުކާރާ ދެކޮޅަށް ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
ދޮގުވާހަކަތައް ފަތުރާ، މަޖިލީހަށް ކުއްލި މައްސަލަތައް ހުށަހެޅުމުގެ ބަދަލުގައި ވަޒީރުންނަށް ރުހުންދިނުން ފަދަ މަސައްކަތްކުރުން މާ ބޮޑަށް ލާޒިމުކަން ފާހަގަކުރައްވަމުން ސަލީމް ވަނީ މަޖިލީސް ޗުއްޓީ އަށްދާ އިރުވެސް ވަޒީރުންނަށް ރުހުން ނުދިން މައްސަލައިގައި ކަންބޮޑުވުންފާޅުކޮށްފައެވެ.
މި ގޮތުން ސަލީމް ވަނީ މިހާތަނަށް އައިއިރު ވަޒީރުންނަށް ރުހުން ނުދީ އޮތީ އެމްޑީޕީ މެންބަރުންގެ އިތުރުން މަޖިލީހުގެ ރައީސް ވެސް ފަހަތުގައި ހުންނަވައިގެން ރާވާއިގެން ގަސްތުގައި ކަމަށެވެ. "މިއީ ދޯ ޑިމޮކްރަސީއަކީ؟ މިއީ ދޯ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ؟ މިއީ ދޯ ހުދުމުހުތާރު ކަމަކީ؟ ކޮބައިތޯ ހުދުމުހްތާރުކަމަކީ؟ ވަޒީރުންނަށް ރުހުން ނުދީ ދައުލަތް ވައްޓާލަން މަސައްކަތްކޮށް މިއީތޯ އަޅުގަނޑުމެންގެ ޑިމޮކްރަސީއަކީ؟" ސަލީމް ވިދާޅުވިއެވެ،
މީގެ އިތުރުން ސަލީމް ވިދާޅުވީ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ނިންމުމަށް ފަހު ތަޅުމަށް ފޮނުވުމުން ރިޔާސަތުން އެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށެވެ.