ރާއްޖެއިން، އަންނަ އަހަރު ހައްޖަށް ދާ ހައްޖުވެރިންގެ އިސް ޝެއިހަކަށް، ޝައިހް އާދަމް ޝަމީމް ހަމަޖައްސާފައި ވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަލީ ސައީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައިވާއިރު އިސްލާމިކް މިނިސްޓްރީން އަންނަނީ ހައްޖަށް މީހުން ގެންދާ އަގު ކުޑަ ކުރުމުގެ މަސައްކަތްކުރަމުންނެވެ.
އަންނަ އަހަރު ހައްޖު ކޯޓާގެ ގޮތުގައި، ސައުދި އަރަބިއްޔާ އިން ރާއްޖެއަށް 1000 ކޯޓާ ހަމަޖައްސާފައިވާއިރު، ރާއްޖެއަށް ލިބޭ ހުރިހާ ރަސްމީ ހައްޖު ކޯޓާތައް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް، އެ ކޯޕަރޭޝަނާއެކު އިސްލާމިކް މިނިސްޓްރީން ވަނީ އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އަންނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނުން މީހެއްގެ އަތުން 69،965 ރުފިޔާ ނަގާފައިވާއިރު އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖު ކިއު ސިސްޓަމް ތަރުތީބުން އަންނަ އަހަރު ހައްޖަށް ދިއުމަށް ފުރުސަތު ލިބޭ މީހުންނަށް އެކަން އަންގަން ފަށާފައެވެ.
މީގެ އިތުރުން ރިޔާސީ ދައުރުގެ ފަސް އަހަރުގެ ތެރޭގައި ޖުމްލަ 1،000 ފަގީރުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދިއުމަށް ނިންމާފައި ވާއިރު އަންނަ އަހަރު ހައްޖަށް ގެންދާ މީހުންގެ ހަރަދުތައް ކުރުމަށް ހަމަޖެހިފައިވަނީ ޒަކާތް ފަންޑުންނެވެ. ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާނެ ފަގީރުން ކަނޑައަޅާނީ ދައުލަތުން އެކުލަވައިލައި އަދާހަމަކޮށް ބަލަހައްޓަމުންދާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރަށް ރިއާޔަތްކޮށެވެ.