ގާޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ކޮށްފައި މިދިޔަ ހުކުރު ދުވަހު ދިން ހަމަލާއެއްގައި އދ ގެ ސްޓާފަކާއި އޭނާގެ އާއިލާގެ 70 މެންބަރުން އިޒްރޭލުން މަރާލައިފިއެވެ.

ގާތްގަނޑަކަށް 30 އަކަށް އަހަރު އދ ގެ ސްޓާފެއްގެ ގޮތުގައި ގާޒާގައި ހަރަކާތްތެރިވަމުން ދަނިކޮށް އިޒްރޭލުން މަރާލާފައި ވަނީ އިއްސާމް އަލް މުގުރަބީ 56އ. އެވެ.

އދ އިން ބުނީ، އޭނާ މަރާލި ހަމަލާ އިޒްރޭލުން ދިނީ ގާޒާގެ ކައިރި އަވަށެއްގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށާއި އެ ހަމަލާގައި އޭނާ އާއި އޭނާ ނިސްބަތްވާ އާއިލާގެ 70 މެންބަރުން މަރުވެފައި ވާ ކަމަށެވެ. އޭގެ ތެރޭގައި އޭނާގެ އަންހެނުންނާއި ދަރިންވެސް ހިމެނެއެވެ.

އިއްސާމް ަމރުވި ހާދިސާގައި ހިތާމަ ކުރާކަން ހާމަ ކުރަމުން އދ ގެ އިދާރާތަކުން ބުނެފައި ވަނީ، އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތުގައި އުޅޭ މީހުންނާއި އާންމުންނާއި ކުޑަކުދިންނަކީ ހަނގުރާމައިގެ ޓާގެޓަކަށް ވެގެން ނުވާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އެޑްނޮމް ގެބްރިއާސޫސް ވެސް ވިދާޅުވީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުންނަކީ އަމާޒު ކަމަށް ވެގެން ނުވާނެ ކަމަށާއި ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ހަމަލާތައް ފެށިފަހުން މިހާތަނަށް އދ ގެ އިދާރާތަކުގެ 136 ސްޓާފުން މަރާލާފައި ވެއެވެ. މިއީ އދ ގެ މުޅި ތާރީހުގައި ވެސް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އުޅެނިކޮށް މިހާ ގިނަ އަދަދެއްގެ ސްޓާފުން މަރުވަމުން ދާ ފުރަތަމަ ހަނގުރާމައެވެ.

މިހާތަނަށް 8000 ކުދިން ޝަހީދު ކޮށްލާފައި ވާ އިރު ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 20،000 ފަހަނައަޅާ ގޮސްފައެވެ.

ހުކުރު ދުވަހު އިޒްރޭލުގެ ހަމަލާތައް އަމާޒު ކުރި ސަރަހައްދުތަކުގެ ތެރޭގައި ބުރޫޖް އާއި ނުސެއިރަތު ރެފުއުޖީ ކޭމްޕް ހުސްކުރަން އެންގުމުން އާންމުން ފައިބައިގެން ދިޔަ ދީރް އަލް ބަލާ ހިމެނެއެވެ. އެތާނގެ ގިނަ އަދަދެއްގެ ގެތައް ސުންނާފަތި ކޮށްލާފައި ވާ އިރު ގާޒާގެ އިރުމަތީ ބިތުގެ ސަރަހައްދުތަކަށް ވެސް އިއްޔެ ބޮން އަޅާފައި ވެއެވެ.