ނިމިދިޔަ ސަރުކާރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައިވާ މަގުހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން 17 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އެ ކުންފުނިން އަލުން ފަށައިފިއެވެ.

މަޑުޖެހިފައި އޮތް 17 ރަށެއްގެ މަސައްކަތް އާރްޑީސީއިން ފަށާފައި ވާއިރު، ކުރީ ސަރުކާރުގެ އެފަދަ މަޝްރޫއުތައް ފެށުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްތައް މަޑުޖެހިފައި އޮތުމާއި މަސައްކަތް ކުރިއަށްދާ ސްޕީޑް ލަސްވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށްދާ ރަށްރަށް:

ނޯތު ރީޖަން:

  • ހއ. ދިއްދޫ
  • ހދ. ކުޅުދުއްފުށި
  • ށ. މިލަންދޫ
  • ރ. ހުޅުދުއްފާރު

ސެންޓްރަލް ރީޖަން:

  • ނ. ހޮޅުދޫ
  • ނ. ވެލިދޫ
  • ޅ. ހިންނަވަރު
  • މ. މުލައް
  • އަމީނީ މަގު
  • އދ. މާމިގިލި
  • ދ. ކުޑަހުވަދޫ

ސައުތު ރީޖަން:

  • ތ. ތިމަރަފުށި
  • ލ. ގަން ފޭސް 2
  • ގއ. ކޮލަމާފުށި
  • ގއ. ވިލިނގިލި ފޭސް 2
  • ގދ. ތިނަދޫ ފޭސް 2
  • ގދ. ގައްދޫ

އާރްޑީސީއިން މަގު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ ރާއްޖޭގެ އުތުރުގެ 4 ރަށެއް އަދި މެދުރާއްޖެތެރޭގެ 7 ރަށެއްގެ އިތުރުން ދެކުނުގެ 6 ރަށެއްގައެވެ.

ކުރީ ސަރުކާރުން ފަށާފައިވާ އަމީނީ މަގުގެ ފަހު 2 ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތް ވެސް އާރްޑީސީއިން ވަނީ ފަށާފައެވެ. އެ ކުންފުނިން ބުނާ ގޮތުގައި މިހާރު ކުރިއަށް ދަނީ ނަރުދަމާގެ އައުޓް ފޯލް ހޮޅި އެޅުމުގެ މަސައްކަތާއި ކާބް ސްޓޯން ޖެހުމުގެ މަސައްކަތުގެ އިތުރުން އޫރިދޫ ވިއުގައަށް ބޭނުންވާ ހޮޅި އެޅުމާއި އެޗްވީ ހޮޅިއެޅުމުގެ މަސައްކަތެވެ. އަދި ސްޓޯމް ވޯޓާ ކްރޮސް ހޮޅި އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެމަސައްކަތް އެންމެ ފުރަތަމަ ނިންމަން ދީފައިވާ ތާރީހަކީ މިއަހަރުގެ ފެބްރުއަރީ މަހެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެ މަސައްކަތް ނުނިމި ލަސްވުމުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 އަށް އެ މަސައްކަތް ނިންމާނެ ކަމަށް ބުނެފައެވެ.

ނަމަވެސް އެ މަގުގެ 11 ވަނަ ސެގްމެންޓްގެ މަސައްކަތް ސެޕްޓެމްބަރު މަހު ކުރީކޮޅު ނިންމާލުމަށް ފަހު އެ މަސައްކަތް ވަނީ މެދުކެނޑިފައެވެ. ދައުރު ނިމެން ވާ އިރަށް އަމީނީ މަގުގެ މަސައްކަތް ނިންމާނެ ކަމަށް ކުރީ ސަރުކާރުން ބުނި ނަމަވެސް އެ މަސައްކަތް ނިންމިފައެއް ނުވެއެވެ.