މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށްދާ ހައްޖާޖީންގެ ރައްކާތެރިކަމަށް ސްމާޓް ޓެގް ބޭނުންކުރަން ނިންމާ، 800 ސްމާޓް ޓެގް ހޯދަން އިއުލާންކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ، ސެމްސަންގް ގެލެކްސީ ސްމާޓް ޓެގް 2 ، ސެމްސަންގް ގެލެކްސީ އެސް 23 އަލްޓްރާ މޮބައިލް ފޯނު އަދި އެއާ ގުޅޭ ބައެއް ސާމާނު ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖަނަވަރީ 3، 24 ގެކުރިން އަންދާސީ ހިސާބު ހުށަހެޅުމައް އެދިފައެވެ.

ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށްދާ ހައްޖާޖީންގެ އަތުގައި ސްމާޓް ޓެގް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ ހައްޖުގެ އަޅުކަމުގެ ތެރޭގައި ބައެއް ފަހަރު ހައްޖާޖީން ގެއްލިގެން ހޯދަން ޖެހޭ މައްސަލަ އަށް ލިބިގެންދާނެ ހައްލެކެވެ. މި ގޮތުން ސްމާޓް ޓެގަކީ ހައްޖާޖީންގެ އަތްދަބަހުގެ ތެރެއަށްލާފައި ބޭއްވުމަށް ހަވާލުކުރެވޭ އެއްޗެކަށްވާއިރު ހައްޖާޖީން ގެއްލިގެން ހޯދަންޖެހޭ ހާލަތުގައިވެސް ސްމާޓް ޓެގްގެ އެހީގައި ހުރި ތަނެއް ހައްޖު ކޯޕަރޭޝަނަށް ފަސޭހައިން ދެނެގަނެވޭނެއެވެ.

ސްމާޓް ޓެގް ގެ ސަބަބުން ހައްޖާޖީން ބޭނުންވާ އެހީތެރިކަން ދިނުމަށްވެސް ފަސޭހަވެގެންދާއިރު ރާއްޖެއަށް ހައްޖު ކޯޓާގެ ގޮތުގައި ރަސްމީކޮށް ލިބޭ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.