ޑިސެމްބަރު 13, 2023 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ [ލޮކް ސަބާ] ގެ ޖަލްސާއެއް ހިނގަނިކޮށް އަޑުއަހަން ވަދެ ތިބި މީހުންގެ ތެރެއިން 2 މީހަކު ޖަލްސާ ކުރާ މާލަމަށް ފުންމާލިއެވެ. އެ މީހުން މާލަމުގެ ތެރެއަށް ގޭސް ކެނިސްޓަރުތަކެއް ދޫކޮށްލުމާއެކު އުދުވަހު ބޮޑު ހަމނުޖެހުމެއް ހިނގާ ދިޔައިރު, މިހާރު ކުރިމަތިވެގެން އުޅޭ މައްސަލައަކީ އެކަމާމެދު ބަހުސް ކުރަން އިދިކޮޅުން ގޮވާލަން ފެށުމާއެކު އުފެދެމުން އަންނަ ހަމަނުޖެހުމެކެވެ. އެއާއެކު މިހާތަނަށް 141 އެމްޕީ ސްސްޕެންޑް ކޮށްފައި ވާ އިރު އޭގެ ތެރޭގައި ތިރި ގެއިން 95 އަދި މަތި ގެ [ރާޖަ ސަބާ] އިން 46 އެމްޕީއަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ, ސަރުކާރު ހިންގާ އަދި މަޖިލީހުގެ މެޖޯރިޓީ އޮންނަ ބީޖޭޕީގެ ކޯލިޝަނުން މި ހިންގަނީ ޑިމޮކްރަސީއާ މުޅިން ހިލާފު އަމަލެއް ކަމަށާއި މުހިންމު ބިލުތަކެއްގެ ބަހުސް ހިނގާ ފާސްކުރަމުން ދާ އިރު ގިނަ އަދަދެއްގެ މެންބަރުން ސަސްޕްނެޑް ކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށް ބިލްތައް ފާސްކުރުމަށް ކަމަށެވެ.
އެ ދުވަހު ޗެމްބަރު [ޖަލްސާ ކުރާ މާލަން] އަށް ފުންމާލި ދެމީހުންނަކީ ބީޖޭޕީގެ ފަރާތުން ފާސް ލިބިގެން ވަދެ ތިބި 2 މީހުންނެވެ.
އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި މިވަގުތު ތަޅުމުގައި ހުރި މުހިންމު ބިލްތައް އިދިކޮޅު ފަރާތްތަކުގެ ބަހެއް ނެތި ފާސްކޮށްލުމާއި އެދުވަހު މާލަމަށް ބީޖޭޕީއަށް ނިސްބަތްވާ 2 މީހަކު ފުންމާލުމާ ގުޅުމެއް ވެއެވެ. ނަމަވެސް ވެރިކަން ކުރާ ޕާޓީން ބުނަމުން ދަނީ, މެންބަރުން ސަސްޕެންޑް ކުރަން ޖެހުނީ މަޖިލީހުގެ ނިޒާޏު ގެއްލުވާލައި މަސައްކަތަށް ހުރަސް އަޅަމުން ގެންދާތީ ކަމަށެވެ.
އެދުވަހުގެ އެހާދިސާ ތަހުގީގު ކުރައްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ވިދާޅުވެފައެވެ.
އެ ދުވަހު ޖަލްސާ ކުރާ މާލަމަށް ފުންމާލި ދެމީހުންގެ އިތުރުން މަޖިލީސް ކުރާ ގޭގެ ބޭރުގައި އެއްވެފައި ތިބި މީހުންގެ ތެރެއިން 2 މީހަކުވެސް މަޖިލީސް ކުރާ ގޭގެ ގޯތިތެރެއަށް ވެސް ވަނެވެ. އެމީހުން ގޯތި ތެރެއަށް ސްމޯކް ކެނިސްޓާސް [ދުން ކަރާދު] ތަކެއް އެއްލާފައި ވާއިރު, އެ ހާދިސާއާ ގުޅިގެން ޖުމްލަ 5 މީހަކު ހައްޔަރު ކުރިއެވެ. އެ 5 މީހުންނަކީ އެކަކު އަނެކަކާ ގުޅުމެއް ނެތް, އެކިއެކި ސިޓީތަކަށް ނިސްބަތްވާ އަދި ތަފާތު އެކި ބެކްގްރައުންޑް [މަސައްކަތާއި ތައުލީމީ ގޮތުން] އައިސްފައި ވާ މީހުންނެވެ. އެމީހުން ތަހުގީގުގައި ބުނެފައި ވަނީ, އެދުވަހު މަޖިލީސް ކުރާ ގެއަށް ވަންނަން ޖެހުނީ, ކިޔައިވައިގެން އެތައް ފާސްތަކެއް ނަގައިގެން ތިބި ނަމަވެސް ވަޒީފާއެއް ނުލިބި މާޔޫސްވެގެން ކަމަށެވެ. އާއިލާތައް ބަލަހައްޓާނެ ގޮތެއް ނެތް ކަމަށާއި އަނބިދަރިންނާއި މައިންބަފައިން ބެލޭނެ ގޮތެއް ނެތި މާޔޫސްވުމުން އެކަން ކުރެވުނީ ކަމަށެވެ.
އިދިކޮޅުން ތުހުމަތު ކުރަނީ, މިހާރުގެ ސަރުކާރަށް އެކަށީގެންވާ މިންވަރަށް ވަޒީފާ އުފެއްދިފައި ނުވުމާއި ފެއިލްވެފައި ސިޔާސަތެއްގެ ސަބަބަކީ ވެސް އެކަން މެދުވެރިވާން ދިމާވި އެއް ހާލަތު ކަމަށެވެ.