ޔަހޫދީ އިޒްރޭލުން ޕަލަސްތީނަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކުގައި ގާޒާގެ އުތުރުގައި އޮންނަ ޖަބަލިޔާ ރެފިއުޖީ ކޭމްޕް ހިފައި، ހަމާސްގެ އޮފީސް ތަޅާލައިފި ކަމަށް އިޒްރޭލުން ބުނެފިއެވެ.

މިކަމާ ގުޅިގެން ހަމާސް އިން އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު، ރިޕޯޓަރުން ބުނެފައި ވަނީ، ފާއިތުވި 24 ގަޑިއިރަކީ، އާދަޔާ ހިލާފަށް ހަމަލާތައް ވަރުގަދަ ކޮށްފައި ވާ 24 ގަޑިއިރު ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަކީ އިޒްރޭލުން ގެންގުޅޭ އުކުޅެއް ކަމަށާއި، ކޮންމެ ފަހަރަކު ހުޅަނގުގެ މަންދޫބަކު އިޒްރޭލަށް ދާނަމަ ހަމަލާތައް ވަރުގަދަ ކުރާ ކަމަށެވެ.

މިވަގުތަކީ އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އިޒްރޭލަށް ވަޑައިގެން ހުންނެވި ވަގުތެވެ. އެއާއެކު ގާޒާގެ އުތުރާއި ދެކުނަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ކޮށް ބޮން އަޅަމުން ދާއިރު ފާއިތުވި 24 ގަޑިއުރުގެ ތެރޭގައި އެކަނިވެސް 100 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.

ހަބަރުތައް ބުނާގޮތުން، އެއްކޮޅުން ހަމަލާތައް ވަރުދަގަ ކުރަމުން ދާ އިރު، އަނެއްކާވެސް ސުލްހައިގެ މަގެއް ފެނޭތޯ ހަނގުރާމައިގެ ބައިވެރިންނާއި ވާހަކަތަކުގެ މެދުވެރިން ގެންދަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން މިވަގުތު ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްލާއީލް ހަނިއްޔާ ހުންނެވީ މިސްރަށް ވަޑައިގެންނެވެ. އޭނާ މިސްރަށް ވަޑައިގަތުމުގެ ކުރިން އީރާނުގެ އޮފިޝަލުންނާއެކު ގަތަރުގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މި މަޝްވަރާތައް ކުރިއަށް ދާއިރު އިޒްރޭލުގެ އިންޓަލިޖަންސްގެ ވެރިޔާއާއި ގަރަތުގެ ބޮޑުވަޒީރާ ދެމެދު ކުރިއަށް ދާ މަޝްވަރާތަކެއް ގަތަރުގައި ވެސް އެބަދެއެވެ. މީގެ ކުރިން ހަމާސް އާއި ގަތަރާއި އަދި އިޒްރޭލު ބައިވެރިވި ބައްދަލުވުންތަކެއް ޔޫރަޕްގައިވެސް ބާއްވާފައި ވެއެވެ.

ސުލްހައިގެ އެއްބަސްވުމަށް އައުމަށް ހުރިހާ ފަރާތަކުންވެސް ބާރުއަޅަމުން ގެންދާއިރު، އދ ގެ ސަމާލަތީ މަޖިލީހުން ދަނީ ހަމަލާތައް ހުއްޓާލުމަށް ބާރުއަޅާ އާގަރާރެއް ފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މި ގަރާރުގެ ބަހުސް މިވަގުތަށް މަޑުޖެހިފައި ވާ އިރު މިއަދުގެ ވަގުތެއްގައި އަލުން ފަށާނެ ކަމަށް ހަބަރުތައް ބުނެއެވެ.

އިޒްރޭލުން މިއަދު ގާޒާއަށް ބޮން އަޅާފައި ވާ އިރު ޖައްވުގެ ތެރެއަށް ބޯ ދުންގަނޑު އަރައިގެން ދަނީ

އިޒްރޭލުން ހަމަލާތައް ފެށިފަހުން މިހާތަނަށް 20،000 މީހަކު ޝަހީދު ކޮށްލާފައި ވާ އިރު، އިޒްރޭލުން މިވަގުތު ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ވަކިތަނެއް ބެލުމެއް ނެތެވެ. ހުޅަނގު އައްސޭރީން ފެށިގެން ގާޒާގެ އުތުރާއި ދެކުނަށް ވަރުގަދަ ހަމަލާތައް ދަނީ ދެމުންނެވެ. ވައިގެ މަގުން ދެ ހަމަލާތަކުގެ އިތުރުން އެއްގަމު މަގުން އަރާ ދެމުން ގެންދާ ހަމަލާތަކުގައި މީހުންގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށް އާންމުންގެ ގެދޮރަށް އަމާޒު ކޮށް ޓޭންކްތަކުން ހަމަލާދީ ދަނީ ގޮއްވާލަމުންނެވެ. އެއްފަދަ އެއް ހަމަލާއެއްގައި މަގުމަތީގައި ތިބި 2 ޒުވާނެއްގެ ސީދާ މެޔަށް ބަޑިޖަހާ މަރާލާފައި ވެސް ވެއެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާ ދެމުން ގެންދާ އިރު، އިޒްރޭލާ އިންވެގެން އޮންނަ ލުބުނާނު ފަޅިން ހިޒުބުއްލޯ އިން ދޭ ހަމަލާތަކުގެ ރައްދުގައި މިއަދު ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ބޮޑު ސަރަހައްދަކަށް ބޮން އަޅާ ގޮއްވާލާފައި ވާ އިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 6 މީހަކު މަރުވެފައި ވާ ކަމަށް ހިޒުބުއްލޯ އިން ބުނެއެވެ.