މިއަދުން ފެށިގެން ނޭޕާލާއި އިންޑިއާއަށް ނިސްބަތްވާ ލޭބަރުން (މަސައްކަތް ކުރާ މީހުން) ގެނެއުމުގެ ހުއްދަދީފިއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ އެކަމާ ގުޅޭގޮތުން ހޯމްލެންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ބަންގްލަދޭޝް ލޭބަރުން ގެންނަން ބޯޑަރު ހުޅުވާލި ދުވަހުގެ ފަހުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިއަދުން ފެށިގެން އިންޑިއާއާއި ނޭޕާލްގެ ލޭބަރުން އެތެރެކުރެވޭ ގޮތް ހަމަޖައްސަވާފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވީ މިހާރު ހަދަމުންދާ އެސެސްމެންޓްތައް ހަދާ ނިމުމުން ބާކީ ހުރި ގައުމުތައްވެސް އާންމުކޮށް އޮންނަ އުސޫލަށް ބަދަލުކުރައްވާނެ ކަމަށެވެ.

ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެ ސަރުކާރުން ފެށި ހާއްސަ ޕްރޮގްރާމާއެކު ކޮންމެ ގައުމަކުން ގެނެވޭނެ އެންމެ މަތީ އަދަދަކީ 100،000 ކަމުގައި ހަދާ އެމްޕްލޯއިމަންޓް އެކްޓްގައި ހިމެނިއެވެ. އެއާއެކު އެ އެގައުމަށް ކަނޑައަޅާފައިވާ ކޯޓާ ހަމަވުމުން އިތުރަށް މީހުން ނުގެނެވޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށް ބަންގްލަދޭޝް މީހުން އެތެރެވުން ހުއްޓުވާ އިންޑިއާ އަށް އެފުރުސަތު ދިނެވެ.

އެ ނިންމުން ބާތިލްކޮށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކުރި އިއުލާނެއްގައި ބުނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެހެން ގައުމުތަކުން އަންސްކިލްޑް ލޭބަރުން ރާއްޖެއަށް ގެނައުން އެ ވަގުތު މަޑުޖައްސާލިއެވެ.

ބަންގްލާދޭޝްގެ ލޭބަރުން ގެނައުން މީގެ ކުރިން މަނާކުރުމާއެކު ރާއްޖެއަށް މީހުން ގެންނަމުން ދިޔައީ އިންޑިއާ، ލަންކާ، ނޭޕާލް އަދި ފިލިޕީންސް ފަދަ ގައުމުތަކުންނެވެ.

ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ހާއްސަ އޮޕަރޭޝަންތަކެއް ފަށާ ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެއިން ފޮނުވާލުމަށް ވަނީ އިމިގްރޭޝަނުން ނިންމާފައެވެ.