ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބައްދަލުވުމެއް ރައީސް އޮފީހުގައި ކުރިއަށްދާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
އެ ބައްދަލުވުން ކުރިއަށްދާކަން އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު "ދަ ޕްރެސް" އަށް ކަށަވަރުކޮށްދެއްވި ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
ބެލެވޭ ގޮތުގައި އެ ބައްދަލުވުމަކީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅުން ހުރި މަޝްވަރާ ބައްދަލުވުމެކެވެ. މީގެ ކުރިންވެސް އެމްޑީޕީ އަދި ޕީއެންސީއާއެކުވެސް ޖޭޕީއިން އެފަދަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާއިރު އެކަމާ ގުޅިގެން އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ. އަދި އެއަށްފަހު ޖޭޕީއިން ވަނީ މަޖިލިސް އިންތިހާބުގެ 93 ދާއިރާއަށް ޖޭޕީން ވާދަކުރަން ނިންމާ އެކަން އިއުލާންކޮށް އެ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އަންނަ އަނގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.
ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީ ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޕްރައިމަރީގެ ފުރުސަތު މީގެކުރިން ހުޅުވާލާފައިވާއިރު އެ މުއްދަތު ހަމަވިއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ފޯމު ހުށަހަޅާފައެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވަނީ ޖޭޕީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަ ކުރައްވާފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުން ގާސިމް ނާކާމިޔާބު ވަޑައިގެންނެވިއިރު އެމަނިކުފާނަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. ގާސިމާއެކު ކޯލިޝަން ހެއްދެވުމަށް އެމްޑީޕީއާއި ޕީޕީއެމްއިންވެސް އޭރު ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް ގާސިމް މި އަަހަރު އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަނެއް ހަދާފައި ނުވެއެވެ.