ފިހާރައެއްގެ ސޭޓަކަށް ވަޅިން ބިރުދައްކާ، 4 ފޮށި ސިނގިރޭޓާއި ފޯނަކާއި ވަކިލާރި ފޭރުނު ދެ މީހަކު ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

އެ މައްސަލާގެ ހުކުމުގައި ބުނެފައިވަނީ އަހްމަދު އަބްދުއްރަހީމް އާއި ހަސަން އިބްރާހީމް މައްޗަށް ފޭރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އޮކްޓޯބަރު 11، 2019 ވަނަ ދުވަހުގެ މެންދުރުފަހު 2:10 ހާއިރު މާލޭގައި ހުންނަ މޫވިލް ސްޓޯއަށް ވަދެ، އެ ފިހާރައިގެ ސޭޓު ހަސަން އިބްރާހީމް ވަޅިން ބިރު ދައްކަމުން ދިޔަ ވަގުތު އަހުމަދު އަބްދުއްރަހީމް އެ ފިހާރައިގެ ވަތްގަނޑުން ކެމަލްހާޑް 4 ސިނގިރޭޓު ފޮއްޓާއި އެ ފިހާރައިގެ ކައުންޓަރު މަތީގައި ހުރި ވަކި ލާރިތަކާއި އެ ފިހާރައިގައި ރީލޯޑްކުރަން ބޭނުންކުރާ ނޮކިޔާ ފޯނު ފޭރިގެން ގޮސްފައިވާތީއާއި އެ ފިހާރައިގެ ސޭޓަށް ހަސަން ވަޅިން ބިރުދެއްކުމަށްފަހު އެ ފިހާރައިގެ ވަތްގަނޑުން ފައިސާ ފޭރިގަނެގެން ގޮސްފައިވާތީ ކަމަށެވެ.

މި މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާލިބޭ ދެ މީހުން ބުނެފައިވަނީ ދައުވާ ސާފުވެއްޖެ ކަމަށާއި މި ދައުވާއަށް އިއުތިރާފުވާ ކަމަށެވެ. އަދި މި ދައުވާގައި ބުނާގޮތަށް އެ ދުވަހު އަމަލުކުރި ކަމަށާއި އިއުތިރާފުވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ހަމަ ބުއްދީގައި ހުރެގެން ކަމަށް ވެސް ދެ މީހުން ވަނީ ބުނެފައެވެ.

މި ކުށަށް ކަނޑައެޅޭނެ އަދަބުގެ އަސާސީ މިންގަނޑަކީ 2 މަހާއި 12 ދުވަހުގެ ޖަލު އަދަބެއް ކަމަށް ވިޔަސް މި ދެ މީހުންވެސް ކުށަށް އިއުތިރާފްވެފައި ވާތީ އެއް ދަރަޖަ ލުއި ވެގެންދާނެއެވެ. އެ ހާލަތުގައި އަންނާނެ އަދަބަކީ 1 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަމަށް ވިޔަސް މި މައްސަލާގެ ބަންދުގައި މި ދެ މީހުންވެސް 17 ދުވަހާއި 17 ގަޑިއިރާއި 34 މިނެޓޫ ހޭދަކޮށްފައިވާ ކަމަށާއި އެއީ 18 ދުވަސްކަމަށް ބަލާ އަންނަ އަދަބުން އުނިކުރަން ޖެހޭނެއެވެ.

ހުކުމުގައި ބުނެފައިވަނީ އަހުމަދު އަބްދުއްރަހީމްގެ ކުށުގެ ރެކޯޑަށް ބަލާއިރު ޑްރަގް ކޯޓުން އޭނާގެ މައްޗަށް އޭޕްރީލް 5، 2016 ގައި 3 އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާފައި ވާ ކަމުން އަދަބުގެ އަސާސީ މިންގަނޑު 1 ދަރަޖަ މައްޗަށް ޖައްސަންޖެހޭ ކަމަށެވެ. އަދި ދައުވާލިބޭ އަހުމަދު އަބްދުއްރަހީމްގެ ފަރާތުން ބުނެފައިވަނީ އިސްލާހްވާން މަސައްކަތް ކުރާ ކަމަށާއި ވަޒީފާއަދާކުރާ ކަމަށާއި އެކަމާ ގުޅޭ ލިޔުން ހުށަހަޅާފައިވާނެ ކަމަށެވެ.

ހަސަން އިބްރާހިމްގެ ފަރާތުން ބުނެފައިވަނީ އިސްލާހުވާން މަސައްކަތް ކުރާ ކަމަށާއި މީނާއަކީ ދެތިން ލޭބަރުން ގޮވައިގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެއްކަމެވެ. އަދި ދެ މީހުންވެސް ވަނީ ވީހާވެސް ލުއި އަދަބެއް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށާއި ޖޫރިމަނާ ކުރުމުގެ އަދަބެއް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށް ބުނެފައެވެ.

ހުކުމުގައި ބުނެފައިވަނީ އަހުމަދު އަބްދުއްރަހީމް އިސްލާހުވާން މަސައްކަތްކުރާކަން އެނގެން އޮންނާތީއާއި އެ ފަރާތަކީ ވަޒީފާއެއް އަދާކުރަމުންދާ އަދި އާއިލާއެއް ބަލަހައްޓަމުންދާ ފަރާތެއްކަމަށް ބެލެވޭތީ 1 ދަރަޖަ ދަށްކުރަން ޖެހޭކަމަށް ދެކޭ ކަމަށެވެ. އަދި 18 ދުވަސް އުނިކުރުމަށްފަހު ތަންފީޒު ކުރަން ޖެހޭނެ ޖަލު އަދަބަކީ 1 މަހާއި 6 ދުވަސް ކަމަށްވާތީ އެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރާނަމަ އެއީ 7200 ރުފިޔާ އިން ޖޫރިމަނާގެ އެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

އެހެންކަމުން އެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް އިއްޔެއިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކަން ވަނީ އެ ދެމީހުންގެ މައްޗަށް ހުކުމްކޮށްފައެވެ.