ގެސްޓް ހައުސްއަކަށް މީހަކު ގެންގޮސް، ފޭރުނު މައްސަލައެއްގައި އަންހެނަކާއި 2 ފިރިހެނުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ޅ. ނައިފަރުގެ އަންހެނަކާއި އުމުރުން 21 އަހަރުގެ ގދ. ތިނަދޫ ފިރިހެނެއްގެ އިތުރުން އުމުރުން 46 އަހަރުގެ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ.
އެ 3 މީހުންގެ މައްޗަށް ކުރަނީ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި ފޭރުން އަދި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެ މީހުންގެ ދައުވާ ކުރެވޭ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. ހެކީގެ ގޮތުގައި ފާހަކޮށްފައި ވަނީ އަނިޔާ ލިބުނު ފަރާތުން ބުނާބުނުމާއި ސީނަށް ދިޔަ ފުލުހުންގެ ހެކިބަހެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ 3 މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ހާދިސާ ހިނގި ގެސްޓްހައުސް ތެރޭގައި ހުއްޓައި ޖިނާއި އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވާއިރު ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައި ވަނީ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައެވެ.
އަނިޔާ ލިބުނު ފަރާތުން ގެސްޓްހައުސްއަށް ދިއުމަށް އެދިފައި ވަނީ މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރުން ވަނީ މައުލޫމާތު ދީފައެވެ. އަދި މައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 21 އަހަރުގެ މީހާ 23 ފަހަރު ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން 12 ފަހަރު ބަންދަށް ބަދަލުކޮށްފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރުން ވަނީ ބުނެފައެވެ
މީގެއިތުރުން އިންވެސްޓިގޭޝަން އޮފިސަރުން ބުނީ ހައްޔަރު ކުރި އުމުރުން 46 އަހަރުގެ މީހާއަކީ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށާއި އޭނާ ހެކި ނައްތާލަން މަސައްކަތް ކުރި ކަމަށެވެ. އަދި ހައްޔަރު ކުރިއިރު އޭނާގެ ކަރުގައި އަނިޔާ ލިބުނު ފަރާތުގެ ފަށެއް އޮތްކަން ވެސް އިންވެސްޓިގޭޝަން އޮފިސަރުން ފާހަގަކޮށްފައިވެއެވެ.