ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ވުޒާރާތަކުގެ މިނިސްޓަރުންނަށް ރުހުން ދިނުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވީ ނަމަވެސް ވުޒާރާތަކުގެ މެންޑޭޓް ފާސްކުރުމަށް މަޖިލީހަށް ހުށަހަޅާފައި ނުވާތީ މިއަދު އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ގޮތެއް ނިންމަން ޖެހޭތީ މަޖިލީހުގެ ދައުރު މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ދަންމާލުމަށް މިއަދު ވަނީ ނިންމާފައެވެ. މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވާފައި އޮތް މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފުރިހަމަނުވާ ކަމަށް ނިންމާ، އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް އަނބުރާ ފޮނުވާލާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބައެއް މެންބަރުން ވަނީ ސިފަކުރައްވާފަ އެވެ.

ބަންޑާރަ ނައިބު އަހްމަދު އުޝާމް ވެސް ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުން އަދި ވަޒީރުންނަށް ރުހުން ދިނުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން މަޖިލީހުން އަމަލުކޮށްފައިވަނީ ވެސް އެގޮތަށް ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރު ވަޒީރުންނަށް މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅާފައިވަނީ ނޮވެމްބަރު 22، 2018 ގައި ކަމަށާއި މަޖިލީހުން ރުހުން ދީފައިވަނީ ޑިސެމްބަރުގައި 4 ގައިކަން އުޝާމްވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެފަހަރު މެންޑޭޓް ފާސްކުރުމަށް ހުށަހެޅީ ވަޒީރުންނަށް ރުހުންލިބުނު ފަހުން ޑިސެމްބަރު 13، 2018ގައި ކަމަށާއި ސިޔާސީ ސަބަބުތަކަށްޓަކައި މަޖިލީހުން އަމަލުކުރަމުން އަންނަ އުސޫލުތަކާއި ހަމަތައް ބަދަލުކުރުމަކީ ދެރަކަމެއް ކަމެއް ކަމަށް ވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.