ގްލޯބަލް ޓެރަރިސްޓެއްގެ ގޮތުގައި ގިންތިކޮށްފައިވާ، އަދި އިންޑިއާއިން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ދާވޫދު އިބްރާހީމް އަށް މީހަކު ޒަހަރު ދިނުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.

ދާވޫދު އިބްރާހިމް އަކީ އިނގިރޭސިވިލާތާއި ހުޅަނގު ޔޫރަޕްގައި މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމަންޓްތަކުގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ. މީގެ އިތުރުން އިންޑިއާގެ އެތެރެ ހަލަބޮލިކުރުމަށް އިސްލާމީ ހަރުކަށި ފިކުރުގެ ފަރާތްތަކަށް ދާވޫދު އިބްރާހީމް ފަންޑުކުރާކަމަށް ވެސް ތުހުމަތު ކުރެވިފައި ވާއިރު އިންޑިއާއިން އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ 1993 ވަނަ އަހަރު މުމްބާއީގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ.

ޕާކިސްތާނުގެ ކަރާޗީގައި ދިރިއުޅޭ ދާވޫދު އިބްރާހިމް ހިންގާ މަސްތުވާތަކެތީގެ ވިއުގަ ހުއްޓުވުމަށް އިންޑިއާގެ އިތުރުން ދުނިޔޭގެ ބޮޑެތި ބާރުތަަކަށްވެސް ނުކުޅެދިފައި ވާއިރު، އެންމެ ފަހުން އޭނާގެ ގާތް ފަރާތަކުން މިވަނީ އޭނާ މަރާލުމަށް މަސައްކަތް ކޮށްފައެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ދާވޫދު އިބްރާހީމްއަށް ޒަހަރުދީފައިވަނީ އޭނާ އާ ވަރަށް ގާތުގައި މަސައްކަތް ކުރަމުން ދާ އޭނާގެ އަރިސް ފަރާތަކުންނެވެ.

ދާވޫދު އިބްރާހީމް އަށް ޒަހަރު ކެވި ހާލު ދެރަވުމާ ގުޅިގެން ޕާކިސްތާނުގެ އަންޑާގްރައުންޑް ހޮސްޕިޓަލެއްގައި އޭނާއަށް ފަރުވާ ދެމުން އަންނައިރު ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި އޭނާއަށް ފަރުވާދެމުންދާ ހޮސްޕިޓަލު ހުރި ސަރަހައްދުގެ މައުލޫމާތު ވަރަށް ބޮޑަށް ސިއްރުކޮށްފައި ވާއިރު، އޭނާގެ ހާލު ވަރަށް ގޯސްކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.