މޯލްޑިވިއަން އެއާލައިނުން އިއްތިހާދު އެއާވޭސްއާ އެކު ގުޅިގެން، ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ ހިދުމަތާއެކު، އިތުރު ބައެއް ހިދުމަތްތައް ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ޔޫއޭއީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން އިއްތިހާދު އެއާވޭސް އާއި އެކު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން މޯލްޑިވިއަން އިން ބުނީ މި އެއްބަސްވުމާ އެކު ދެ އެއާލައިނުން ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމަށް މަސައްކަތްކުރެވޭނެ ކަމަށެވެ.

މީގެއިތުރުން ހޮލިޑޭ ޕެކޭޖްތައް ވިއްކުމުގައި ވެސް ގުޅިގެން މަސައްކަތްކުރާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ. މި އެއްބަސްވުމާއެކު އިއްތިހާދުން ދަތުރު ކުރާ މީހުންނަށް، މޯލްޑިވިއަންގެ 17 މަންޒިލަކަށް ދަތުރު ކުރަން ފަސޭހަވާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިގޮތުން މާލެ ފިޔަވައި ފަތުރުވެރިންގެ މެދުގައި މަގުބޫލް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެއެވެ. މި ގޮތުން އެއް ޓިކެޓެއްގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން އިއްތިހާދުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އަތޮޅުތެރޭގެ އެކި މަންޒިލުތަކަށް ދަތުރު ކުރެވޭނެއެވެ.

މޯލްޑިވިއަން ކޮމާޝަލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ، މި އިންޓަލައިން އެގްރީމެންޓްގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާއިރު، ފަސޭހަކަމާއެކު ރާއްޖޭގެ 17 މަންޒިލަށް ދަތުރުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަަމަށެވެ.

އިއްތިހާދު އެއާވޭސްގެ ޗީފް ރެވެނިއު އޮފިސާ އެރިކް ޑޭ ވިދާޅުވީ، އެ އެއާލައިންގެ ކަސްޓަމަރުންނަށް ރާއްޖޭގައި ޗުއްޓީހޭދަކޮށްލުމަށް ފަސޭހަކަމާއެކު މާލެ ފިޔަވައި ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ދަތުރުކުރެވޭނެކަމަށެވެ.