ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަދަދުތަކުގެ ތަފާސްހިސާބުތައް ހުރި ރިޕޯޓުތަކާއި ޕޯސްޓުތައް ޑިލީޓުކުރަން އަންގާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީއިން އާންމުކޮށްފައިވާ ރިޕޯޓުތަކާއި ޕޯސްޓުތައް އެ މިނިސްޓްރީއިން ޑިލީޓްކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ މިނިސްޓްރީއަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ސައީދު ވިދާޅުވީ އިކްނޮމިކް މިނިސްޓްރީގެ ރަސްމީ އެއްވެސް ރިޕޯޓެއް (ޓްވީޓެއް) ޑިލީޓްކުރަން އަންގާފައި ނުވާނެ ކަމަށެވެ. އަދި އެ ޕޯސްޓުތައް ޑިލީޓުކޮށްފައިވާ ސަބަބު ތަހުގީގުކުރަން މިހާރު އަންގަވާފައިވާނެ ކަމަށެވެ.

އެ ތަފާސްހިސާބުތައް ޑިލީޓްކޮށްފައިވާކަމުގެ މައްސަލަ ފެންމަތިވެފައި ވަނީ ބަންގްލާދޭޝް އަށް ނިސްބަތްވާ ލޭބަރުން (މަސައްކަތް ކުރާ މީހުން) ގެނައުމުގެ ހުއްދަ ދޭން ސަރުކާރުން އިއްޔެ ނިންމުމާ ގުޅިގެންނެވެ.

ވަޒީފާއާބެހޭ ގާނޫނުގައި 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުންނެވެ. އެ ގަވާއިދު ރާއްޖޭގައި ކަނޑައެޅުނުއިރު ރާއްޖޭގައި 100،000އަށްވުރެ ގިނަ ބަންގްލަދޭޝްގެ މީހުން ތިބުމުން ސަރުކާރު ވަނީ ވަޒީފާ އަދާ ކުރުމަށް ބަންގްލަދޭޝްގެ އިތުރު މީހުން ނުގެނެވޭނެ ކަމަށް ކަނޑައަޅާފައެވެ.

ރާއްޖޭގައި މިހާރު ތިބީ ބަންގްލަދޭޝްގެ 90،624 މީހުން ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.