ފައިލޭރިއާއަށް އިތުރު 2 ބިދޭސީން ޕޮޒިޓިވް ވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިން ބުނެފިއެވެ.

ޕޮޒިޓިވްވި އިތުރު 2 ބިދޭސީންނާއެކު ކުޅުދުއްފުށި ސިޓީއިން ފެނުނު ފައިލޭރިއާ ކޭސްގެ އަދަދު މިހާރު ވަނީ 19 އަށް އަރާފައެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ މިހާރު ސްކްރީނިން ޓެސްޓްތަކެއް ހަދަމުންދާ ކަމަށާއި އިތުރު 2 ކޭސްއެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ސްކްރީނިން ލެވެލްގައި ޓެސްޓުކޮށް ޕޮޒިޓިވެއްޖެނަމަ އިތުރު ކޮންފެމޭޓްރީ ޓެސްޓަކަށް މަޑުނުކޮށް ބޭސް އަދި ފަރުވާ ދެމުންދާ ކަމަށެވެ.

މިވަގުތު އަދި ޓެސްޓު ކުރަމުންދަނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ މީހުންނާ ގުޅުން ހުރި ނުވަތަ އެއްކޮށް އުޅޭ މީހުން ކަމަށާއި އެމީހުން ޓެސްޓު ކުރުމަށްފަހު ރަށުތެރޭގެ ސާމްޕަލްއެއް ނަގާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ 19 މީހުންގެ ވެސް ހާލު ރަނގަޅު ކަަމަށާއި އެއްވެސް ފަރާތެއްގެ ފަރާތުން އަދި ބަލީގެ އަލާމާތެއް ފެނިފައި ނުވާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ފައިލޭރިއާގެ ކޭސްތަކެއް ފެނިފައިވަނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބިދޭސީންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި މިމަހުގެ 1 އިން 2 އަށް ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕޭޭނެއްގެ ތެރެއިންނެވެ.

ފައިލޭރިއާ ޖެހެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިންނެވެ. މިއީ މަދިރި އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި، 'ވޫކެރީރިއާ ބެންކްރޮފްޓީ" ކިޔާ ފަންޏެއް ހަށިގަނޑުގެ ތެރެއަށް ވާސިލްވުމުން ފެތުރޭ ބައްޔެކެވެ. ފައިލޭރިއާ ޖެހުމަށްފަހު ވެސް ބޭރަށް އަލާމާތްތައް ނުފެނު ހުރުން އެކަށީގެންވެއެވެ.

ނަމަވެސް ދިގު މުއްދަތަކަށްފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުން ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. އަދި އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުން ކަމަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ދެއްވާފައެވެ.