ރާއްޖޭގެ އެކި ކަންކޮޅު ތަކުން ސާމްޕަލް ނަގައިން ފައިލޭރިއާ ޓެސްޓު ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމައިިފިއެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ޓެސްޓުތައް ކުރިއަށް ދާނީ ރެޕިޑް އެންޓިޖެން ކިޓު ބޭނުންކޮށްގެންނެވެ. އަދި ޓެސްޓުގެ ނަތީޖާ 10-15 މިނެޓު ތެރޭ ލިބޭނެކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނި ގޮތުގައި ޓެސްޓު ކުރެވޭ ކިޓަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޕްރީ ކޮލިފައި ކޮށްފައިވާ ކިޓެކެވެ.

މި ޓެސްޓުތައް މާލޭގެ ބައެއް އަތޮޅުތަކަށް 16 ފެބްރުއަރީގައި ފެއްޓުމަށް ހަމަޖެހިފައިވާއިރު، 12 ފެބްރުއަރީގައި ހުޅުމާލޭގައި ސްކްރީނިންގެ ޕްރީ ޓެސްޓުތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަމާޒަކީ ރޯދައިގެ ކުރިން ޓެސްޓުތައް ނިންމުން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ދިވެހިންގެ އިތުރުން ބިދޭސީންވެސް ހިމަނައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ފައިލޭރިއާ ޓެސްޓުތައް ހަދާނީ އުމުރުން 18 އަހަރުން މަތީގެ ކުދިންނަށެވެ. އަދި ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވަނީ ރެންޑަމްކޮށް ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ކޮންމެ ރަށަކުންވެސް ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސާމްޕަލްތައް ޓެސްޓު ކުރެވިގެން ދާނެ ކަމަށާއި، ޕޮޒިޓިވް ވާ ފަރާތްތަކަށް ކެއުމަށް ވަގުތުން ބޭސް ދެވޭނެކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މި ބޭހަކީ ރައްކާތެރި ބޭހެއްކަމަށާއި ބޭސް ކެއުމުން ބަލި ފެތުރުން ހުއްޓުވޭނެކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަދި ސްކްރީން ކުރާ ކޮންމެ ފަރާތަކަށްވެސް ކާޑެއް ދެވޭނެކަމަށާއި، އެ ކާޑުގައި ޓެސްޓުގެ ނަތީޖާއާއި ބޭސް ކޭނަމަ، އެކަމުގެ މައުލޫމާތު ފެންނަން ހުންނާނެކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.