މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް "މަދިރިން ރައްކާ"ގެ ނަމުގައި ގައުމީ ފެންވަރުގެ ހަރަކާތެއް ފަށައިފިއެވެ.
މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައެއް ބަލިތައް ރާއްޖެއިން ނައްތާލެވިފައި ވީނަމަވެސް ފައިލޭރިއާ ފަދަ ބަލިތަކުގެ ކޭސްތަކެއް އަލުން ފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ މުއައްސަސާތަކާއި އާންމު މަދަނީ ޖަމްއިއްޔާތަކާއި ރައްޔިތުން ގުޅިގެން މިފަދަ ކެމްޕެއިނެއް ފެއްޓުމަކީ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއް ކަމަށެވެ.
މިފަދަ ކަންކަމުން ސަލާމަތްވުމަށް ނުވަތަ މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ސާފުތާހިރުވުން ކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ ސާފުތާހިރުކަމަކީ ވެށީގެ ރައްކާތެރިކަމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި މިއަދުގެ ހާލަތުން އަރައިގަތުމަށްޓަކައި މުޖުތަމައުގެ ފަރުދުންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ދެއްކުން މުހިންމު ކަމަށާއި ތާރީހުން ވެސް އެކަން އެކަން އެގޮތަށް ދައްކައިދީފައިވާ ކަމަށެވެ.
މީގެއިތުރުން މަދިރި އާލާ ނުވާގޮތަށް ތަންތަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ރާއްޖެއިން ނައްތާލެވިފައިވާ އެފަދަ ބަލިތައް ނައްތާލުމުން ބައިނަލް އަގްވާމީ އިދާރާތަކުން ރާއްޖެއަށް ހާއްސަ ނަޒަރަކުން ބަލާކަމަށެވެ. އަދި އެއީ އެފަދަ ބަލިތައް ނައްތާލުމަށްޓަކައި ސިއްހީ ނިޒާމުގެ ތެރެއިންނާއި ފަރުދުން އަދި ސަރުކާރުން އިސްނަގައިގެން ކުރާ މަސައްކަތްތަކުގެ ނަތީޖާ ކަމަށް ހަލީލް ވިދާޅުވިއެވެ.
މިފަދަ ބަލިތަކުން ސަލާމަށްވުމަށް މަދިރި ނައްތާލުމަށް ކުރާ ހުރިހާ ކަމެއް ފަރުދީ ހައިސިއްޔަތުން ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ. މަދިރި ފިޔަވާ އެހެނިހެން ސޫފާސޫފި ވެސް މަދު ކުރުމަކީ ކުރަން ޖެހޭނެ މަސައްކަތެއް ކަމަށާއި އެއީ ރައްޔިތުން ދިރިއުޅޭ ވެއްޓާއި ގެދޮރުގެ ސާފުތާހިރުކަމަށްޓަކައި ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.
އާންމު ދުޅަހެޔޮކަން ރައްކާތެރި ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ. އަދި މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.