މާލެއިން ފައިލޭރިއާއަށް ބިދޭސީއަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ސްކްރީން ޕްރޮގްރާމުގައި ޖުމްލަ 89 މީހަކު ޓެސްޓުކޮށްފައިވާއިރު އޭގެ ތެރެއިން ހަތް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލެއިން އެކަކު ޕޮޒިޓިވްވެފައިވާއިރު ހުޅުމާލެއިން ފަސް މީހަކު އަދި ގުޅީފަޅުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މުޅިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ މި މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށިންނެވެ. އެ ރަށުން ފެނުނު ކޭސްތަކުގެ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ. މިއާއެކު ރާއްޖެއިން ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32 އަކަށް އަރާފައެވެެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ކުރި ޓެސްޓުތަކުން ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާ ކަމަށާއި ޕޮޒިޓިވްވި މީހުންގެ ތެރޭޣައި ހިމެނެނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 ފަރާތަކާއި އިންޑިއާގެ ބިހާރުގެ 18 ފަރާތަކާއި އިންޑިއާގެ ޓެމިލްނާޑޫގެ އެއް ފަރާތަކާއި އިންޑިއާގެ ގޯޕާލްގަންޖުގެ އެއް ފަރާތަކާއި ބަންގްލަދޭޝްގެ ދެ ފަރާތެއް ކަމަށެވެ.

ފައިލޭރިއާއަށް ޕޮޒިޓިވްވާ މީހުންގެ ބޭސްފަރުވާކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އެޗްޕީއޭއިން ކަމަށްވާއިރު މިހާތަނަށް ޕޮޒިޓިވްވި ހުރިހާ މީހުންނަށްވެސް ވަނި ބޭސް ދީފައެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާއަށް ޓެސްޓުކުރުމުގެ މަސައްކަތް ފުޅާކޮށް ދިވެހީންނާއި ބިދޭސީން ހިމެނޭހެން ޓެސްޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.