ރޯދައިގެ ކުރިން ހުޅުވުމަށް އަމާޒުހިފާ، ސްޓެލްކޯ ހުންނަ ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން ކުރިން ރާވާފައިވާ ފޯތް ޕަވާ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، ސްޓެލްކޯ ކޮމްޕައުންޑާ އިންވެގެން އޮންނަ ދޮންއަދަރާދަ މަގު ބަންދުކޮށް، އެމަގަށް ވާގޮތަށް އިންޖީނު ގެއެއް އެޅީ 2010 ވަނަ އަހަރުއެވެ.
ހުޅުމާލޭ އިންޖީނުގެ އާއި، މާލޭ އިންޖީނުގެ އިންޓަކަނެކްޝަނަކުން ގުޅާލާ، ހުޅުމާލެއިން ކަރަންޓު އިމްޕޯޓް ކުރަން ފެށުމާ އެކު، މާލޭގެ ދޮންއަދަރާދަ މަގަށް ވާގޮތަށް އަޅާފައިވާ އިންޖީނުގޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުސެޓްތައް ބޭނުން ކުރުން މިހާރު ވަނީ ހުއްޓާލާފައެވެ. އަދި އެ ޖަނަރޭޓަރު ސެޓްތައް ވަނީ ގްރޭޓާމާލޭގެ ބެކަޕްގެ ގޮތުގައި ހުޅުމާލޭ ބާ އިންޖީނުގެއަށް ބަދަލުވެސް ކޮށްފައެވެ.
ދޮން އަދަރާދަމަގު ހުޅުވުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތަކާއެކުއެވެ. އެ މަގު ހުޅުވުމުން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ވިދާޅުވެފައެވެ.
މި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަބުދުﷲ ނާޒިރު ވިދާޅުވީ، އެ މަގު ބަންދުކުރަން ޖެހުނީ އޭރު ކޮންމެހެންވެސް އެކަން ކުރަންޖެހިގެން ކަމަށާއި، އެހެން ނަމަވެސް، އެ ރިކުއާމަންޓް މިއަދު ނެތިގޮސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރުން ފަށައިގެން މާލޭގެ ރައްޔިތުންނަށްޓަކައި، އެ މަގު ހުޅުވުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
ދޮންއަދަރާދަ މަގު ހުޅުވުމުގެ މަސައްކަތްތައް ކުރަމުންދާނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. މީގެ ތެރޭގައި މާލެއާއި، އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންވެސް ހިމެނެއެވެ.