މި ސަރަހައްދުގައި އޮތް އެންމެ ދުވަސްވީ ދައުލަތަކީ ދިވެހި ދައުލަތް ކަމަށް ދިވެހި ސަގާފަރާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އާދަމް ނަސީރު މިހެން ވިދާޅުވީ، ހުރަވީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ތާރީހުގައި ދައުލަތްތަކުގެ ވެރިކަން ކުރި ރަށްރަށަށް ބަލާއިރު، މެދުނުކެނޑި އެންމެ ގިނަ ޒަމާންވަންދެން ވެރިކަންކުރި ރަށްރަށުގެ ތެރޭގައި ދިވެހި ރާއްޖޭގެ ފުރަ މާލެ ހިމެނޭ ކަމަށެވެ. އަދި ދިވެހި ދައުލަތަށް 4000 އަހަރު ވެފާއިވާއިރު ދިވެހިން އަބަދުވެސް ގަބޫލުރީ ދިވެހީންގެ އަމިއްލަ މިނިވަންކަން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ ދިވެހި ދައުލަތް ސަލާމުލެއްވި އީސާގެ ފާނުގެ މީލާދަށްވުރެ މާ ދޮށީ. އެކަލޭގެ ފާނުގެ މީލާދައް 2000 އަހަރު ވެފައިވާއިރުު އަޅުގަނޑުމެންގެ ދިވެހި ދައުލަތަށް ބަލާއިރު ފަހުގެ ހޯދުންތަކުން އެނގޭއިރުގައި 4000 އަހަރުވެއްޖެ.
އާދަމް ނަސީރު

ދިވެހީންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި އަމިއްލަ ހަޟާރަތެއްގެ ވެރި ބައެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުތުބު ހާނާތަކުން ދިވެހީންނާ ބެހޭ ފަތްފުށްތައް ހޯދުނުވަރަކަށް މި ހަގީގަތް އިތުރަށް ސާފުވަމުންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހުރަވީ ދުވަސް ފަދަ، ގައުމީ ލޯބީގެ ދުވަސްތަކަށް ކެތީ ފެން ލިބި ދިރުމާއި އާރޯކަން ލިބެންފަށައިފި. ގައުމީ ދަނޑަށް އަލުން ކާދު އަޅައިލެވި، އެ ދަނޑުގެ ނިރުތަކަށް ހިނދޫކަން އައިސް، މާތައް ފަރިވެ މޭވާ ފައްކާވާން ފަށައިފި. އިރާދަކުރެއްވިއްޔާ ކުރިޔަށް މި އޮތީ އެ މޫސުން. ދިވެހީންގެ ގައުމީ ސަލާމަތާއި ގައުމަށް އަމާނާތްތެރިވުމުގެ ހިތްފަހި މޫސުން.
އާދަމް ނަސީރު

މިނިސްޓަރު ވިދާޅުވީ، ދިވެހި ތާރީހު ދިވެހީންނަށް ދޭ ޔަގީން ކަމަކީ ގައުމިއްޔަތުގެ މި މޫސުމުގެ ތާޒާ މޭވާ މީރުވާނެކަން ކަމަށެވެ. އޭގެ ފައިދާ ހަށިގަނޑަށާއި ނަފުސަށާއި މުޅި ރޫހަށް ފޯރާނެކަމަށާއި ހުރަވީ ދުވަހުގެ ބަތަލް ދޮންބަންޑާރައިންގެ ތާރީހުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.