އޮކްޓޯބަރު 7 , 2023 ގައި ހަމާސް އިން އިޒްރޭލަށް އަރާ ހިންގި އުދުވާނުގައި ރަހީނުކުރި މީހުންގެ ތެރެއިން 3 މީހަކު, ހަމާސްގެ އަތްދަށުން ފިލައިގެން ނިކުމެ އިޒްރޭލު ސިފައިންގެ ގާތަށް ދަނިކޮށް ބަޑިޖަހާ މަރާލައިފިއެވެ.
ކުލަ ހެދުމުގައި ތިބި އެ 3 މީހުން ހަމާސްގެ އަތް ދަށުން ފިލިގޮތް ސާފުވެފައި ނުވާއިރު, އެމީހުން އިޒްރޭލު ސިފައިންނާ ދިމާއަށް ދިޔައީ އަމާން ދިދަ [ހުދު ދިދަ] ނަގައިގެން ކަމަށާއި ނަމަވެސް އެ 3 މީހުންގެ ގަޔަށް ބަޑިޖަހާ މަރާލީ އެއީ ހަމާސްގެ ބައެއް ކަމަށް ހީކޮށެވެ.
މި މައްސަލަ މިހާރު އިޒްރޭލުގެ ތެރޭގައި ހޫނުވެ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާ އެތައް ސަތޭކަ ބަޔަކު މުޒާހަރާ ކުރަމުން ދާ އިރު އިޒްރޭލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ, ބަޑިޖެހުނީ އޮޅިގެން ކަމަށެވެ. އަދި ބުނީ, އެ ހާދިސާ ހިނގާފައި ވަނީ ހަމާސްގެ މުޖާހިދުން އާންމުންގެ ހެދުން އަޅައިގެން ހަރަކާތްތެރިވާ ސަރަހައްދެއްގައި ކަމަށާއި އެހެން ކަމުން އޮޅުނީ ކަމަށެވެ.
"ބަޑިޖެހި ސިފައިންގެ މީހާ ހީކުރީ އެއީ ޓެރަރިސްޓުން ކަމަށް, އެހެންވެ ނުރައްކަލެއް ކަމަށް ބަލައި ބަޑިޖެހީ, އެމީހުން އޭރު ތިބީ ބަޑީޖެހި މީހާ އާ ގާތްގަނޑަކަށް 10 ވަރަކަށް މީޓަރު ދުރުގައި" އައިޑީއެފްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ހަބަރުތައް ބުނާގޮތުން ބަޑިޖެހުމާއެކު ވަގުތުން 2 މީހުން މަރުވިއެވެ. އަދި 3 ވަނަ މީހާ ޒަހަމްވެގެން ވެއްޓެމުން ދެމެމުން ކަހަލަ ގޮތަކަށް އިޒްރޭލު ސިފައިންގެ މީހާއާ ދިމާއަށް ދާން ފެށި ކަމަށާއި އެވަގުތު ބަޑި ނުޖެހުމަށް ކޮމާންޑަރު އަމުރު ކުރުމާއެކު ބަޑިޖެހުން ހުއްޓުނު ނަމަވެސް ކުޑައިރުކޮޅެއް ނުވެ, އެ މީހާގެ ގަޔަށް އަލުން ބަޑިޖެހި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއާއެކު އޭނާވެސް މަރުވިއެވެ.
މި ހާދިސާއާއެކު ރުޅިގަދަވެފައި ވާ ޔަހޫދީން ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވަމުން ދާއިރު އެމީހުން ޑިމާންޑް ކުރަމުން ދަނީ ހަމާސްގެ އަތްދަށުގައި ތިބި އެހެން ރަހީނުން ސަލާމަތުން މިނިވަންކޮށްގެން ގެނައުމަށެވެ. އަނެއް ބަޔަކު ބުނެފައި ވަނީ, އެ ހާދިސާގައި އެއްވެސް ފަރާތެއް މިވަގުތު ކުށްވެރިކުރަން ބޭނުން ނުވާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން, ހަމާސް އިން އިޒްރޭލަށް އެރި ދުވަހު 240 މީހަކު ރަހީނު ކުރިއެވެ. އަދި ފަހުން ގަތަރު މެދުވެރިވެގެން ގާއިމު ކުރި 1 ހަފްތާގެ ސުލްހައިގެ މުއްދަތުގައި ދޫކޮށްލި މީހުންނާއި ހަނގުރާމައިގެ ކުރީކޮޅު ދޫކޮށްލި 4 މީހުންގެ އިތުރުން މިހާރުވެސް 129 މީހަކު ހަމާސްގެ އަތްދަށުގައި ވެއްޖެއެވެ. ނަމަވެސް ހަމާސް އިން ބުނެފައި ވަނީ އިޒްރޭލުގެ ހަމަލާތަކުގައި އޭގެ ތެރެއިން 50 މީހަކު މަރުވެފައި ވާ ކަމަށެވެ.
މިހާދިސާ ހިނގުމާއެކު, ސުލްހައިގެ މަޝްވަރާތަކަށް ޔަހޫދީ އިންޓެލިޖަންސްގެ ވެރިޔާ އާއި ގަތަރުގެ ވަފުދެއް މިހާރު ޔޫރަޕަށް ގޮސްފައި ވާ ކަމަށް މިރޭ ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ހަމަލާތައް ދިގުލައި މިހާތަނަށް އައިއިރު އިޒްރޭލުން ވަނީ ފަލަސްތީނުގެ 18,800 މީހަކު ޝަހީދު ކޮށްލާފައެވެ.