ފުލުހުންގެ ފޯނުން ކޯޓު އަމުރު ދެއްކުމަށްފަހު އެ އަމުރުގެ ކޮޕީއެއް ހަވާލުނުކުރުމުގެ ސަބަބުން، ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
އުމުރުން 39 އަހަރުގެ ހަސަން ތައުފީގް ހައްޔަރު ކުރީ އިއްޔެ 10:43 އެހާއިރު ބީޖީ ގަރާޖު ކައިރިން ހުއްދަ ނޫން ތަނަކަށް ވެދެ، މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުންނެވެ.
އޭނާގެ ބަންދާ މެދު އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މައްސަލަ ބެއްލެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ އޭނާ ހައްޔަރުކުރި އިޖުރާއަތްތައް ގޯސް ކަމަށާއި އެހެންކަމުން އޭނާ ބަންދުގައި ބެހެއްޓުމަށް ނުފެންނަ ކަމަށް ނިންމާފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރު ކުރީ ބީޖީ ގަރާޖު ކައިރިން ދަނިކޮށެވެ. އެއާ އެކު، ޕޮލިސް ސޭޝަނަށް ޓޯކީން ގޮވުމަށް ފަހު، ކޯޓު އަމުރު ޕްރިންޓްކޮށްގެން ގެނެސްދިނުމަށް، އެ ތަނުގައި ހުރި އޮފިސަރު ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.
"ސީންގައި ހަަރަކާތްތެރިވި ފުލުހުންގެ ބަޔާންތަކަށް ބަލާއިރު، އޭނާ ހައްޔަރުކުރެވޭކަން އަންގައި އޭނާއަށް ގާނޫނީ އިންޒާރު ދިން އިރު ވެސް ފުލުހުންގެ ފަރާތުން، އޭނާ ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ދީފައި ނުވާކަން އެނގޭ. އަދި ހައްޔަރުކުރުމުގެ އަމުރު ތަންފީޒުކޮށް ނިމުމާ ހަމައަށް ވެސް އެ އިޖުރާތު ފުލުހުންގެ ފަރާތުން ފުރިހަމަކޮށްފައެއް ނުވޭ" އިއްޔެ ނެރުނު ކޯޓު އަމުރުގައި ވެއެވެ.
ހަސަން ތައުފީގް ހައްޔަރު ކުރެވޭކަން އޭނާ އަށް އަންގާ ގާނޫނީ އިންޒާރު ދިން އިރުވެސް ފުލުހުންގެ ފަރާތުން އޭނާ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ދީފައި ނުވާކަން ފާހަގަކޮށް ފުލުހުން އަމަލުކޮށްފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މީހަކު ހައްޔަރުކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތާ ހިލާފަށް ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ހައްޔަރުކުރެވޭ މީހާއަށް ކޯޓު އަމުރުގެ ކޮޕީއެއް ދޭންޖެހެއެވެ.
ޢިޖުރާތްތަކަކީ ޕޮލިހުންނަށް ދުވަހަކުވެސް ދަސްނުވި އެއްޗެއް އެވަރުގެ ބަޔަކު މުސާރަދީގެން ގެންގުޅެނީ ކީއްކުރަން
ވައްކަންކުރި މީހާ ދޫކޮށްފަ ފުލުހުންގެ އެންމެން ބަންދު ނުކުރީމަ ދެރައީ.