4 ލައްކައެއްހާ ރުފިޔާގެ މުދާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 39 އަހަރުގެ ފިރިހެނެއްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ގއ. ވިލިގިއްޔަށް ނިސްބަތްވާ އެ މީހާގެ މައްޗަށް ކުރަނީ ވައްކަން ކުރުން، ހުއްދަ ނޫން ތަނަކަށް ވަނުން އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.
10 ދުވަސް ވަންދެން ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށް އެ އަމުރުގައިވެއެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންނާއި، ހެކިންނާއި ތުހުމަތުކުރެވޭ އިތުރުމީހުންގެ ބަޔާން އަދި ސީސީޓީވީ ސްނެޕްޝޮޓް ހުށަހަޅާފައި ވާކަން ފާހަގަ ކޮށްފައި ވެއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުންނެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތާ އެއްގޮތަށް ކަމަށާއި ވަގަށް ނެގި މުދަލުގެ އަގު ހަަތަރު ލައްކަ ރުފިޔާއަށް އަރާކަމަށް އިންވެސްޓިގޭޝަން އޮފިސަރުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އޭނާގެ އަންހެނުން އުޅެނީ ވިހައިގެން ކަމަށާއި އޭނާއަށް އަޅާލާނެ އިތުރު މީހަކު ނުހުންނާނެ ކަމަށް އޭނާ ބުނެފައިވީ ނަމަވެސް އެފަދަ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރުން ބުނެފައިވާކަން އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އެ އަމުރުގައި އިތުރަށް ބުނީ އިތުރު މައްސަލައެއްގައި ހައްޔަރަށް ނުވާ ގޮތަށް އޭނާ ގަލޮޅު ވިލީ ފުލުހަށް ގެންދިއުމަށްފަހު ބޭރަށް ނެރެ، ގަދަކަމުން ކޮށްފާ އަލުން ގަލޮޅު ވިލީ ފުލުހަށް ވައްދައި މި މައްސަލައިގައި ހައްޔަރު ކުރީ ކަމަށް އޭނާއާ ހަވާލީ ފުލުހުން ބުނެފައިވާ ކަމަށެވެ.
އެހެންކަމުން އޭނާ ގަލޮޅު ވިލީ ފުލުހަށް ވެއްދިއިރުގެ ފުލުހުންގެ ބޮޑީކޭމް ރެކޯޑިން ނުވަތަ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ދެން އޮންނަ މުއްދަތުގައި މަޖިލީހަށް ހުށަހެޅުމަށް އިންވެސްޓީގޭޝަން އޮފިސަރުންނަށް ވަނީ އަންގާފައެވެ.