ސަރުކާރު ވައްޓާލަން އުޅުމަކީ އިންތިހާބުތަކުން ބަލިވާކަމުގެ ނިޝާނެއް ކަމަށް މާލެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިފައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސް ރައީސްއާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަސައްކަތްތައް ކުރުމަށް ނިންމުމާ ގުޅިގެން އެކަމާ ފާޑުވިދާޅުވެއެވެ.
އާޒިމާ ވިދާޅުވީ އިންތިހާބުތަކުން ބަލިވާނެކަން އެނގުމުން ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާ ކަމުގެ ނިޝާނެއް ކަމަށާއި މޮޅުވުމަކީ ދަނޑުމަތީގައި މޮޅުވުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ 2/3 އަޣުލަބިއްޔަތުން އެކަނި ކަމަށާއި ނޯ ކޮންފިޑެންސް ވޯޓާއި އިމްޕީޗްމަންޓް ގެ ތަފާތު ނޭނގޭ ބަޔަކު ގަވާއިދުން ދުސްތޫރު ބަދަލުކުރަން ހިފުމުން އެނގެނީ ގާނޫނީ ވިސްނުމުގެ ބަލިކަށިކަން ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.
ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުން ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެކުލަވައިލި ގަވާއިދުގެ 41 ވަނަ ބާބުގައެވެ. އެ ބާބުގެ މާއްދާތަކަށް ބަދަލު ގެންނަން އާންމު ކޮމިޓީއަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެ ހުށަހެޅުން ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމަށް އަދި ނުފޮނުވައެވެ.
ކޮމިޓީން ނިންމި ނިންމުމުގައި ބުނާ ގޮތުގައި ރައީސް އާއި ނައިބު ރައީސް އަޒުލް ކުރަން ގަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުއެވެ. އެއަށްފަހު ލިޔުމަކުން މަޖިލީހަށް ހުށަހަޅާ ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްއަށް ދޭން ޖެހޭ ކަމަށް އެ ގަވާއިދުތަކަށް އިސްލާހު ގެނައުމަށް ކޮމެޓީން ފާސްކުރިއެވެ. އެ ނޯޓިސް ދޭތާ 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ޖެހޭއިރު އެ ޖަލްސާގައި އިތުރު އެއްވެސް މަސައްކަތެއް ކުރުމަށް އެޖެންޑާ ކޮށްގެން ނުވާނެ ކަމަށް ކޮމިޓީން ފާސްކޮށްފައި ވެއެވެ.
ކޮމިޓީން ނިންމި މި ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްވެއްޖެ ނަމަ، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ރައީސް އާއި ނައިބު ރައީސް އަޒުލް ކުރުމުގެ ބާރު ލިބެއެވެ.
މިހިރަ މިހިރަ ކަންކަމު އެނގެނީ މިހާރު ދިވެހިރާއްޖެއަކީ ނަމުން އިސްލާމް ނާތަހުޒީބު ޖާހިލިއްޔަތަށް ދަތުރުކުރާ ސިޔާސީ ބައެއް ފަރާތްތަކުން އަމިއްލަ އެދުމުން ހައްދުފަހަނާައިވާ ބާޒާރުމަތީ ބަހުރުވައިން މުޢާމަލާތު ކުރާ އަނބިދަރީންނާއި ތިމާ މީހާގެ މަންމައާއި ބައްޕައާއި ކާފައާއި މާމައަށްވެސް ބެލުމެއްނެތި ސަރުކާރުގެ މުދަލަށް ގެންލުން ދޭ ބަޔަކު ޤާނޫނު ހެދީމަ ވާގޮތް މި ފެންނަނީ. މީ ސިޔާސީ މީހުންގެ ގައުމެއް ދެލޯފުޅާ. އާންމު ރައްޔިތުންނަކަށް އުފަލެއްނެތް.