ޗައިނާގެ ރިސާޗް ވެސަލް, 'ޔޭން 6' ލަންކާގައި ބަނދަރު ކޮށް ދިރާސާތަކެއް ކުރުމަށް ފަހު ފުރައިގެން ދިޔަތާ ގިނަ ދުވަހެއް ނުވެ އެފަދަ ދެވަނަ އުޅަނދެއް އަނެއްކާ ލަންކާ އާއި ރާއްޖެއަށް ވަންނަން ހުއްދައަށް އެދިއްޖެ ކަމަށް ބުނެ އިންޑިއާއިން ކަނބޮޑުވުން ފާޅުކޮށްފިއެވެ.
އިންޑިއާގެ މަސްދަރުތަކުން ބުނީ, މިފަހަރު ލަންކާ އާއި ރާއްޖެއަށް ވަނުމަށް ހުއްދައަށް އެދިފައިވަނީ ވެސް އެފަދަ ޖާސޫސީ އުޅަނދެއް ކަމަށާއި އެ އުޅަނދު މިހާރު އޮތީ ދެކުނު ޗައިނާ ކަނޑުގެ ޒިއާމިން ބަނދަރުގައި ކަމަށެވެ. އަދި ހުއްދައަށް އެދިފައި ވަނީ ޖެނުއަރީ 5 އިން ފެށިގެން މެއި މަހުގެ ނިލަޔަށް ކަމަށާއި އެ އުޅަނދުގެ ދަތުރު ނުފަށާ މަޑުކޮށްގެން އޮތީ ލަންކާ އާއި ރާއްޖެއިން ހުއްދަ ލިބެންދެން ކަމަށެވެ.
މި މައްސަލަ އިންޑިއާ އަށް ބޮޑުވެ, އެ އުޅަނދު ލަންކާ އާއި ރާއްޖެއަށް ވަނުމުގެ ހުއްދަ ނުދޭން އެދިފައިވާނެ ކަމަށް ވެސް އެގައުމުގެ ނޫސްތަކުގައި ބުނެއެވެ.
އިންޑިއާއިން ބުނީ, ޗައިނާގެ އުޅަނދަކީ ކަނޑުއަޑީގެ ދިރާސާ ކުރާ އުޅަނދެއް ކަމަށް ބުނި ނަމަވެސް އެއީ ޖާސޫސީ އުޅަނދެއް ކަމަށާއި އެންމެ ފަހުން ކުރި ދަތުރުގައިވެސް އިންޑިއާގެ ޗެންނާއީއާ 500 ނޯޓިކަލް މޭލު ބޭރުން އެ އުޅަނދު ފެނިފައި ވާ ކަމަށެވެ. އަދި އެ އުޅަނދުގައި ބެލެސްޓިކް މިސައިލް ޓެރްކް ކުރެވޭ އާލާތްތައްވެސް ހުރި ކަމަށާއި އިންޑިއާގެ ކަންބޮޑުވުމަކީ ޗައިނާއިން އިންޑިއާ އަށް ޖާސޫސް ކުރުން ކަމަށް ވެސް ބުނެފައި ވެއެވެ.
އެންމެ ފަހުން ޗައިނާގެ އުޅަނދު ލަންކާއަށް ދަތުރު ކުރި އިރުވެސް އިންޑިއާއިން އެކަމާ ދެކޮޅު ހަދާ ހުއްދަ ނުދިނުމަށް ލަންކާ ސަރުކާރަށް ގޮވާލިއެވެ. ނަމަވެސް އެ އަޑު ނާއްސަވާ އެ އުޅަނދަށް ހުއްދަ ދެއްވީ ލަންކާގެ ރައީސް ރަނީލް ވިކްރަމަސިންގްހައެވެ. މި މައްސަލައިގައި ވިކްރަމަސިންގްހަ ޖުލައި މަހު އިންޑިއާއަށް ކުރެއްވި ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސުވާލު ކުރައްވާފައި ވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އިންޑިއާއިން ތުހުމަތު ކުރަނީ, ޗައިނާއިން އިންޑިއާ ކަނޑަށް ބާރު ފޯރުވުމުގެ މަސައްކަތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ރަތް ކަނޑުގެ އަނގަމަތިން ކެމްބޯޑިއާއިން ފެށިގެން ޖިބޫޓީ އާ ހަމައިން ފެށިގެން އައިސް އިންޑިއާ ކަނޑުގެ މިޔަންމާ, ލަންކާ, ޕާކިސްތާން, އީރާން އަދި ޔޫއޭއީގެ އިތުރުން އަފްގާނިސްތާންގައި މުހިންމު އިންފްރާސްޓްރަކްޗާތައް ހަދަމުން ގެންދާ ކަމަށެވެ. އަދި ރާއްޖެ އަކީ ޗައިނާ އާ ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި ރާއްޖެއިން ޗައިނާ އަށް އެފަދަ ފުރުސަތެއް ދިނުމަށް އިންޑިއާ ނޭދޭ ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ.
އިންޑިއާއިން ބުނަނީ, ކަނޑު ދިރާސާ ކުރުމުގެ ނަމުގައި ޗައިނާއިން ކުރާ ދެވަނަ ކަމަކީ އިންޑިއާ ކަނޑުގެ ނުވަދިހަ ޑިގްރީ ރިޖް މެޕްކުރުން [ޗާޓު ކުރެހުން] ކަމަށާއި އޭގެ ބޭނުމަކީ އަސްކަރީ ބޭނުންތަކަށް ބޭނުން ކުރާ ސަބްމެރީން ފަދަ އުޅަނދުތައް ދަތުރު ކުރާނެ މަގުތައް ދެނެގަތުން ކަމަށެވެ. އަދި މިހާރުވެސް އެފްރިކާގެ އައްސޭރިފަށުން ފެށިގެން ގަލްފް އޮފް އަދަން އާ ހަމައަށް ޗައިނާގެ އޮޕަރޭޝަން ހިންގާ ކަމަށާއި އިންޑިއާ ކަނޑުގެ މެޕް ތައްޔާރު ކުރުމުގެ ބޭނުމަކީ މިސަރަހައްދަށް އަތްގަދަކުރުން ކަމަށް ވެސް އިންޑިއާއިން ތުހުމަތު ކުރެއެވެ.
ޗައިނާގެ މި އުޅަނދާއި އަދި ކުރިއަށް އޮތް ދަތުރާ ބެހޭ ގޮތުން ޗައިނާގެ އިދާރާއަކުންވެސް އަދި ރާއްޖެއާއި ލަންކާގެ އިދާރާއަކުންވެސް އެއްވެސް ވާހަކައެއް މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.