ރަޝިއާގެ އަތްދަށުން ޔޫކްރައިން މިނިވަންކޮށް ހުޅަނގުގެ ގޮނޑިކޮއްކޮ އަކަށް ހަދަން ކުރާ މަސައްކަތުގެ ދަށުން އީޔޫގެ މެންބަރުކަން ދޭން މަޝްވަރާ ފެށި ވަގުތު އެގައުމަށް ދޭން އޮތް 55 ބިލިއަން އެމެރިކާ ޑޮލަރު ހަންގޭރީން ހުއްޓުވައިފިއެވެ.
ދުނިޔޭގެ އެހެން ބައެއް ޖަމާއަތްތައް އޮންނަ ގޮތަށް މެންބަރު ގައުމަކުން ވީޓޯ ބާރު ބޭނުންކޮށްފި ނަމަ, ކަމެއް ފާސްކުރިޔަސް އެކަމެއް ހުއްޓުވޭނެއެވެ. އެގޮތުން ހަންގޭރީން ވީޓޯ ބާރުގެ ބޭނުންކޮށް ހުއްޓުވީ, އީޔޫއިން ޔޫކްރައިން އަށް ދޭން އެއްބަސްވެފައި އޮތް 55 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެކެވެ.
ހަންގޭރީއަކީ ރަޝިއާ އާ ގާތް ގުޅުމެއް ބާއްވާ އަދި މީގެ ކުރިންވެސް ޔޫކްރައިން އީޔޫއަށް ވެއްދުމާ ދެކޮޅު ހަދަމުން ދިޔަ ގައުމެކެވެ. ނަމަވެސް މީގެ ކުރިން ވީޓޯ ބާރު ބޭނުން ކޮށްފައެއް ނުވެއެވެ.
ހަންގޭރީގެ މި ނިންމުމާއެކު އީޔޫއިން ބުނީ, އަންނަ އަހަރު ކުރީކޮޅު އަލުން މަޝްވަރާތައް ފަށާނެ ކަމަށާއި ޔޫކްރައިންގެ އިތުރުން މޮލްޑޯވާއަށް މެންބަރުކަން ދޭން ހުށަހަޅާފައި ވާއިރު ޖޯޖިއާއަށް ކެންޑިޑޭޓެއްގެ ދަރަޖަ ދިނުމަށް ވެސް ހުށަހަޅާފައި ވާ ކަމަށެވެ.
ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޯބަން ވިދާޅުވީ, ޔޫކްރައިން އަށް މެންބަރުކަން ދިނުމަކީ ދިގު މަރުހަލާއެއް ކަޑައްތު ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމުގައި ހަންގޭރީގެ ގާނޫނު ހަދާ މަޖިލީހުންވެސް ރުހުން ހޯދަން ޖެހޭ އިރު އެއީ ވުމަށްވުރެ ނުވުން ކައިރިކަމެއް ކަމަށެވެ.
އީޔޫގައި ބޭއްވި ބައްދަލުވުމުގައި 8 ގަޑިއިރުގެ ދިގު މަޝްވަރާއަށް ފަހު އޯބަން ބައްދަލުވުން ދޫކުރައްވާ ނިކުމެވަޑައިގެންނެވި ނަމަވެސް ބާކީ ތިބި 26 ގައުމުގެ މަންދޫބުން ވަނީ ކުރިން ހުށަހެޅުން އޮތް ގޮތަށް ކުރިއަށް ދިޔުމަށް ފާސްކޮށްފައެވެ. އެއީ ކާބިޔާބީއެއް ކަމަށް ދެކެވަޑައިގެން އީޔޫގެ އެ ނިންމުމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ މަރުހަބާ ވިދާޅުވި އިރު, އެ ނިންމުން ވީޓޯ ކުރައްވާކަން އޯބަން ހާމަ ކުރެއްވީ އޭގެ ފަހުންނެވެ.
މި ނިންމުމާ ގުޅިގެން އީޔޫގައި ހިމެނޭ ޑެންމާކުގެ ބޮޑުވަޒީރު މާކް ރުއްޓޭ ވިދާޅުވީ, އޯބަން ދެކޮޅު ހެއްދެވިޔަސް އަދި ވަގުތު އެބައޮތް ކަމަށާއި ކުރިއަތް އޮތް ހަކެއްކަ ހަފްތާގެ ތެރޭގައި ޔޫކްރައިން ފައިސާއަށް ނުޖެހޭނެ ކަމަށެވެ. އަދި ފެށޭ ޖެނުއަރީގެ ފަހުކޮޅާ ހަމައަށް ދާންވާއިރަށް އެއްބަސްވުމަކަށް ދެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ހަނގުރާމައިގެ ހާލަތާ ގުޅިގެން ޔޫކްރައިނަށް މިވަގުތު މާލީ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. އަސްކަރީ ޕެކޭޖްތައް ހިމެނޭހެން ޔޫކްރައިން އަށް ދޭނެ ކަމަށް އީޔޫއާއި އެމެރިކާއިން އެއްބަސްވެފައިވާ ޕެކެޖްތަކަކީ ރަޝިއާ އާ ދެކޮޅަށް އަސްކަރީ ބާރު ވަރުގަދަ ކުރުމަށް ޔޫކްރައިން އަށް ކޮންމެހެންވެސް ބޭނުންވާ ޕެކޭޖުތަކެކެވެ. އީޔޫގެ އިތުރުން އެމެރިކާއިން ވަނީ 61 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ ޕެކޭޖް ދެވޭނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްގެން ކަމަށް ވާއިރު އެހީ ދިނުމާ މެދު އެ މަޖިލީހުގައި ތިބި ޑިމޮކްރޭޓުންނާއި ރިޕަބްލިކަނުންގެ މެދުގައި ވަނީ ހިޔާލުތަފާތު ވެފައެވެ.
ޔޫކަރައިން އާއި ރަޝިއާ އާ ދެމެދު ހިނގަމުން ދާ ހަނގުރާމަ, މިފެށުނު ފިނި މޫސުމާއެކު މަޑުޖެހިފައިވާ އިރު ޔޫކްރައިން އިން ބުނެފައި ވަނީ ފިނި މޫސުން ނިމެންދެން އެއްގަމު މަގުން ދޭ ރައްދު ހަމަލާތައް މަޑުޖައްސާލާނެ ކަމަށެވެ.