ފަލަސްތީނަށް ޔަހޫދީ ސިފައިން އަރާ ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާގައި ހުސްވި ހަފްތާގައި ޖެނީންގެ މިސްކިތަކަށް ވަދެގަނެ އެތާނގެ ހުރުމަތް ކަނޑައިފިއެވެ.
އެތަނަށް ވަން ސިފައިން އެންކަލް ބޫޓުގައި މިސްކިތްތެރޭގައި ހިނގައި, މިންބަރަށް އަރާ މައިކް ބޭނުން ކޮށްގެން އަޑުގަދަކޮށް ޔަހޫދީންގެ ލަވަތައް ކިޔާ, ޔަހޫދީން އަޅުކަމުގައި ކިޔާ ބަނދިވަރުތައް ހެމުން ކިޔަމުން ދިޔަ މައްސަލައިގައި ފާޑުކިޔުން ދަނީ އަމާޒު ވަމުންނެވެ.
އެ މައްސަލަ އާ ގުޅިގެން އިޒްރޭލުގެ ޑިފެންސް ފޯސް އިން ބުނެފައި ވަނީ, އެ އަމަލު ހިންގި ސިފައިންގެ މީހާ އިސްލާހު ކުރާނެ ކަމަށާއި, އިޒްރޭލުން ގާޒާގައި ހިންގާ އޮޕަރޭޝަން [އުދުވާނު] ގައި އެފަދަ އިތުރު ބައެއް ކަންކަންވެސް ހިނގާފައި ވާތީ އެކަންކަންވެސް ބަލާނެ ކަމަށެވެ.
ޔަހޫދީން އެހެން ބުނި ނަމަވެސް އެމީހުން ގާޒާއަށް އަރާ ހިންގާ ހުރިހާ ކަމަކީވެސް އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި އދ ގެ ގަރާރުތަކާވެސް މުޅިން ހިލާފު އަމަލުތަކެވެ. ހަމާސްގެ މުޖާހިދުން މެރުމުގެ ނަމުގައި ކުށެއް ނެތް ތުއްތު ކުދިންނާއި އަންހެނުންގެ އިތުރުން އަމިއްލަ ދިފާއުގައި އެއްވެސް ހަތިޔާރެއް ނުގެންގުޅޭ އެތައް އާންމު ރައްޔިތަކު ދަނީ ޝަހީދު ކުރަމުންނެވެ.
ގަސްދުގައި މިސްކިތްތަކަށް ހަމަލާ ދީ އެތަންތަން ތަޅާލުމާއި, ސިއްހީ ހިދުމަތް ދޭ ތަންތަނަށް ބޮން އެޅުމާއި ސްކޫލުތަކާއި, އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކާއި އާންމު އިޖުތިމާއީ ހިދުމަތްތަކަށް ބޭނުން ކުރާ ތަންތަނާއި ކަރަންޓް ވިއުގައާއި ބޯފެނާއި މުވާސަލާތީ ނިޒާމުތަކަށް ދަނީ ހަމަލާ ދެމުންނެވެ.
މީގެ އިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ގާޒާއިން އެތައް ބަޔަކު ހައްޔަރު ކޮށް, ބައެއް މީހުން ބަރަހަނާ ކޮށް ހާމަކަން ބޮޑު މަގުތަކުގައި އުޑަފައިން ބައިތިއްބުން ފަދ ލާއިންސާނީ އެތައް އަނިޔާއެއް ދަނީ ދެމުންނެވެ. އަދި ތަޅާ އަނިޔާ ކުރުމާއި, ފަލަސްތީނުގެ އަންހެނުން ހިފާ ހައްޔަރުކުރުމުގައި އެމީހުންގެ ގައިގައި އުޅުލުމާއި އައުރަ ކަޝްފު ކުރުން ފަދަ ނުލަފާ ޖަރީމާތައްވެސް ދަނީ ހިންގަމުންނެވެ.
މިހުރިހާ ނުބައިކަމެއް ކުރަމުން, މިސްކިތަށް އަރާ ހުރުމަތް ކެނޑި ސިފައިން އިސްލާހު ކުރާނެ ވާހަކަ ދެއްކުމަކީ ޖޯކެއް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ ވަނީ އިޒްރޭލަށް ފާޑުކިޔާފައެވެ.
އިޒްރޭލުން ބުނީ, މިސްކިތަށް އަރާ ލަވަ ކިއި ސިފައިންގެ މީހާ މިހާރުވަނީ ހިދުމަތުން ވަކިކޮށްފައި ކަމަށާއި އޭނާ އިސްލާހު ކުރާނެ ކަމަށެވެ.
މި މައްސަލައިގައި ފަލަސްތީން އޮތޯރިޓީ [ޕީއޭ] އިން ބުނެފައި ވަނީ މިއީ ކަނޑައެޅިގެން އެމީހުންނަށް [އިސްލާމުންނަށް] ކުރި މަލާމާތެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ފީއޭ އަކީ ފަލަސްތީންގެ ޖެނީން ހިމެނޭހެން ހުޅަނގު އައްސޭރިއާއި ރާމައްލޯގެ ވެރިކަން އޮންނަ ފަރާތެވެ. ގާޒާއަކީ ހަމާސްގެ ކޮންޓްރޯލްގައި އޮންނަ ތަނެކެވެ. މިދެފަރާތުގައި ގުޅުމެއް ނެތް އިރު, އިޒްރޭލާ ހަނގުރާމަ ކުރާ ބަޔަކީ ހަމާސްއެވެ. އެއާ ހިލާފަށް ޕީއޭ ފާހަގަވެގެން ގޮސްފައި ވަނީ އިޒްރޭލާ ބައިވެރިވާ އެހެން ބައެއް އަރަބި ގައުމުތައް ފަދައިން އިޒްރޭލާ ދެކޮޅުވެރިކަމެއް ނުގެންގުޅޭ ބައެއްގެ ގޮތުގައެވެ.
އިޒްރޭލު ސިފައިންގެ މިއަމަލު ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކުންވެސް ކުށްވެރި ކުރަމުންދާ އިރު ހަނގުރާމަ ފެށިފަހުން މުސްލިމުންނާއި ގާޒާގެ ރައްޔިތުންނަށް މަލާމާތް ކުރުމުގެ ގޮތުން އެތައް ބައިވަރު ޓިކްޓޮކެއް ކުޅެ ޔަހޫދީ ސިފައިން އާންމުކޮށްފައި ވެސް ވެއެވެ. އަދި މަލާމާތުގެ ލަވަ ހަދާ ގާޒާގެ މުސްލިމުން ނައްތާލާނެ ކަމަށް ބުނެވެސް މަލާމާތް ކޮށްހަދާފައި ވެއެވެ.